އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތު ކުރިޔަށްދިޔައީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ވީޑިޔޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ލީޑަރުންގެ ވާހަކަފުޅު ދެއްކެވުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔައެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 3 ސަރަޙައްދެއްގައި “ގޭދޮށު މަސް ޕްލާންޓް” ޤާޢިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތަޢާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ޙަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.
ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވި ފުރަތަމަ ރަސްމިއްޔާތެވެ.
އިންޑިއާގެ ގިނަ ބަޔަކު ބޭނުންކުރާ ރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމުގެ އެއްބަސްވުންވެސް ދެގައުމުގެ ދެމެދު މިއަދު ވަނީ ބަދަލުކޮށްފައިވާއިރުރުޕޭ ކާޑު ރާއްޖެއަށް ތައާރަފު ކުރުމާއެކު ބީއެމްއެލްގެ ކޭޝްކާޑު އޭޓީއެމްތަކުގައި މި ކާޑު ބޭނުން ކުރެވޭނެއެވެ. މިއީ 2012 ވަނަ އަހަރު އިންޑިއާގެ ޕޭމަންޓްސް ކޯޕަރޭޝަނުން ތަައާރަފުކުރި ޑެބިޓް ކާޑެކެވެ.
މިކަންތައްތަކާއެކު އިތުރު އެހެން ކަންތައް ތަކެއްވެސް އިންޑިއާއިން ކޮށްދެއްވަން ނިންމަވާފައިވާ ކަން މިއަދުގެ ރަސްމިއްޔާތުގެ ތެރެއިން ވަނީ އެނގިގެން ގޮސްފައެވެ. ޓެލެކޮންފަރެންސް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިޔާގެ ފަރާތުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމަކާއި ކެންސަރުގެ ބައްޔަށް ފަރުވާދޭނެ ހޮސްޕިޓަލެއްވެސް ގާއިމްކުރައްވާނެ ކަމަށެވެ.