English Edition
Dhivehi Edition
ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެއްދި ކައުންސިލްތަކުގެ ތިންވަނަ ދައުރަށް ކައުންސިލުން ހޮވުމަށް ބާއްވާ ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ އެންމެ ފަހުގެ ތައްޔާތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ފަށައިފިއެވެ. ވޯޓު ފޮށި ހުރި ސްޓޭޝަން ތަކުގައި ވޯޓުލުމަށް ތައްޔާރުވަމުން ދާއިރު ވޯޓުލާން ބޭނުންވާ މީހުން ދަނީ މަޑުމަޑުން ކިޔު ހަދަމުންނެވެ. ތިން ފަހަރެއްގެ މަތިން އިންތިހާބު ބާއްވާ ދުވަހަށް ފަސްކުރުމަށްފަހު އިންތިޚާބުގައި ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާއިރު އިންތިހާބުގެ ގާނޫނަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން މި ދައުރަށް ހޮވަންޖެހޭ ކައުންސިލަރުންގެ އަދަދު މަދުވާނެ އެވެ. މީގެކުރިން ކައުންސިލަރުން ހޮވަނީ ކޮންމެ 3000 މީހުންނަށް ވުރެއް މަދު އާބާދީ އޮންނަ ރަށްރަށުން ފަސް ކައުންސިލް މެންބަރުންނެވެ. އަދި އެއަށްވުރެއް ގިނަ ނަމަ ހަތް މެންބަރުންނެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 3000 ހަމަނުވާ އާބާދީތަކަށް ދެން ހޮވަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ މަތިނަމަ ފަސް ކައުންސިލަރުންނެވެ. މީގެއިތުރުން ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީ ދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ ކޮންމެ ދާއިރާއަކުން އެއް މެންބަރެވެ. އަދި ދެ އިންތިހާބީ ދާއިރާ ހިމެނޭ އިދާރީދާއިރާތަކުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރާނީ މުޅި އަތޮޅުން އިންތިހބު ކުރެވޭ ތިން މެންބަރުންނެވެ. މިފަހަރު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހެނީ 664 ކައުންސިލަރުންނެވެ. އެ މަގާމުތަކަށް ޖުމްލަ 1،496 ކެންޑިޑޭޓުން އެކި ޕާޓީތަކުން ވަނީ ކުރިމަތިލާފަ އެވެ. މި ނިމުނު ދައުރަށް 1،115 ކައުންސިލަރުން އިންތިހާބުކޮށްފައިވެ އެވެ. މިފަހަރުގެ އިންތިޚާބުގައި ކެނޑިޑޭޓުންގެ ޕީޕީއެމުން 521 ކެނޑިޑޭޓުން ކުރިމަތިލާއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ކުރިމަތިލާފައިވަނީ 469 ކެނޑިޑޭޓުންނެވެ. އަދި ޖުމްހޫރީ ޕާޓީން 93 ކެނޑިޑޭޓުންނެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވަނީ 49 ކެނޑިޑޭޓުން ނެރެފައިވާއިރު ޑީއާރްޕީގެ އެއް ކެނޑިޑޭޓާއި އެކު އަމިއްލަ ގޮތުން 363 ކެނޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބެނީ 255،987 މީހުންނަށެވެ. އޭގެތެރެއިން 45745 މީހުން ރީ ރަޖިސްޓްރީކޮށްފައިވެ އެވެ.