English Edition
Dhivehi Edition

ޑިވިޑެންޑުން ޓެކްސް ނުނަގާ އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

ސަރުކާރުން ހުށަހެޅި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުން ވަނީ މައިގަނޑު ފަސް ބަދަލެއް ގެނެސްފައެވެ.

އިންކަމް ޓެކުހުގެ ބިލަށް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މުޅި ކޮމިޓީއިން، ގެނައި އެންމެ ބޮޑު ބަދަލަކީ ފަރުދުންގެ އާމްދަނީއިން ޓެކްސް ނަގަން ފަށާ އަދަދު މަހަކު 40000 ރުފިޔާއިން60000 ރުފިޔާއަށް މަތިކުރުމެވެ.

މަހަކު 40000ރުފިޔާގެ މަތީގެ ޢާމްދަނީއިން އިންކަމް ޓެކްސް ނެގިކަމުގައިވީނަމަވެސް އަހަރަކު 600 މިލިޔަން ރުފިޔާލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ. އަދި މިއީ ގާތްގަޑަކަށް 6000 މީހުންގެ އަތުން އިންކަމް ޓެކްސް ލިބޭނެ ކަމަށް ލަފާ ކުރާ ޢަދަދެވެ.

ސަރުކާރުން ހުށަހެޅި ބިލަށް ވަނީ ގިނަ އިޞްލާހްތަކެއް ގެނެވިފައެވެ.

ސަރުކާރުން އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާ ގޮތަށް ބިލް ހުށަހެޅި ކަމުގައި ވީ ނަމަވެސް ބިލު ފާސްކުރީ އޭޕްރީލް އެކެއް 2020 އިން ފެށިގެން އިންކަމް ޓެކްސް ނަގާށެވެ. ނަމަވެސް ބިލުގެ ދަށުން ނަގާ އެހެން ޓެކްސްތައް ޖެނުއަރީ އެކަކުން ފެށިގެން ނަގާނެއެވެ.

އިންކަމް ޓެކްސް ބިލަށް ގެނައި މައިގަނޑު އިސްލާހުތައް:

– ޓެކްސް ނަގަން ފަށާ އާމްދަނީ 60000އަށް މަތިކޮށް ބްރެކެޓްތަކަށް ބަދަލު ގެނައުން؛

60،000 ރުފިޔާ އިން ދަށުގެ އާމްދަނީ – 0 ޕަސެންޓް

60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.

100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 8 ޕަސެންޓު.

150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.

200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

އިންކަމް ޓެކްސް ނަގަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސްފަހުން ނެވެ. އިންކަމް ޓެކްސްގެ ގާނޫނަށް ކޮމެޓީ މަރުހަލާގައި ހަ އިސްލާހެއް ގެނެވިފައިވެއެވެ. އަދި މިއަދު ތަޅުމުން ބިލް ފާސްކުރީ 26 އިސްލާހެއް ގެނައުމަށްފަހުއެވެ.

ޑިވިޑެންޑުން ޓެކްސް ނެގުމަކީ މިވަޤުތަށް އޮތް އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، ޑިވިޑެންޑުން ޓެކްސް ނެގުން މަޑުޖައްސާލަން ޖެހޭ ކަމަށާއި ޑިވިޑެންޑުން ޓެކްސް ނެގުމަކީ ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓަރުން “ޑިސްކަރޭޖު” ވާނެ ކަމެއް ކަމަށް މަޖިލިހުގެ ގިނަ މެމްބަރުން ވަނީ ލަފާ ދެއްވާފައެވެ.

ރާއްޖޭގައި ހިންގާ ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ނަމަ، އިންކަމް ޓެކްސް ނެގުމަށް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީ އިން ފާސްކުރި ނަމަވެސް ހިޔާލު ތަފާތުވުންތަކާއެކު އެ އިސްލާހު ވަނީ ކުރިން އޮތްގޮތަށް ބަދަލުކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެން ވަހީދު ހުށަހެޅުއްވި މި ބަދަލު ފާސްކުރުމަށް 62 މެންބަރުންވަނީ ވޯޓު ދެއްވާފައެވެ.