ރާއްޖޭގެ އެންމެ ދެކުނުން ހިތެއްގެ ސިފައިގައި އޮންނަ އައްޑޫއަށް ތަރައްޤީ ގެނައުމުގެ ވާހަކައަކީ އެންމެން ދައްކާ ” ކަންނުވެ ނަންވެފައި” އޮންނަ ވާހަކައެކެވެ. އެހެން އުޅެނިކޮށް ސިޓީއެއްގެ ދަރަޖަވެސް އައްޑޫއަށް ލިބި ފަޚުރުވެރިކަމާއެކު އައްޑޫ ސިޓީއަށް ނިސްބަތްވާތީ ފޮނިވެފައި ތިބީމުއެވެ. އެހެނަސް ކަރުތެރޭގައި މިލީ “އަސްކަސް” ރަހަކަން ރޭކާލީ މާފަހުން އެކި ދިމަދިމާލުން ހޯއްގޮވަންފެށީމައެވެ. އިރުއަރާ، އިރު އޮއްސޭ ކޮންމެ ދުވަހަކު އައްޑޫގެ ތަރައްޤީއަށް ކެތްމަދުވެފައިތިބި ޢާއްމު ރައްޔިތުން މީސްމީޑިއާގެ އެކި ވަސީލަތްތަކަށް “ޝަކުވާ ބޮނޑި” އޮއްސަމުން އާދެއެވެ. ނުރުހުމުގެ ޝުޢޫރުތައް ބަންޑުން ކުރަމުން އައެވެ. އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ ވުޖޫދަށް އައި ވާހަކައިން އެއޮތީ ކަންތަކާ ޖެހިފައެވެ. ތަރައްޤީ ހިމަނައިގެން ކިޔާ ނަމެއްވެސް ބޭނުން ނޫނޭ ބުނާ ކަހަލައެވެ. އިތުރަށް އައްޑޫގެ ރައްޔިތުން ހައްދަން ނޫޅޭށެވެ. ދޮގެއްވާނޫނެވެ. އައްޑުއަށް، އައްޑޫ ތަރައްޤީ ކުރުމަށޭ ކިޔައިގެން އެއްވެސް ބަޔަކު އަންނާނެ ކަމެއް ނެތެވެ. ތިޔަވާ ތަރައްޤީއެއް ވިއްޔާ އެހެރީ ވެނިމިފައެވެ. އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ މިއީ ވަކި ކޮންބައެއް ތާއެވެ. ފެތުރެމުންއަންނަ ވާހަކަތަކާއެކު “އޭޑީސީ” ގެ ޙަޤީޤަތް ހޯދާލުމުގެ ޝައުޤު އަޅުގަނޑުގެ ހިތުގައިވެސް އުފެދުނެވެ. އައްޑޫސިޓީ އިން ފެންނަ ގިނަ ޖަމްޢިއްޔާތައް ސިޓީގައި ހިންގޭ ތަފާތު ޙަރަކާތްތަކުން ފެނިގެން ދެއެވެ. ރަށް ސާފު ކުރުމުން ފެށިގެން ފޯރަމްތަކާއި ޓްރޭނިން ތައް އެބައިމީހުން ހިންގާ މަންޒަރުތައް ފެނެއެވެ. އޭޑީސީ މިކުރަނީ އަދި މުޅިން ތަފާތު ކަމެކެވެ. އެމީހުން އަމާޒު ހިފާފައި ހުރީ އިޤްތިޞާދީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ.
އައްޑޫގެ ކޮންމެ ރަށަކުން 2 މެންބަރުންނާއެކު އުފެދިފައިވާ މި ޖަމްޢިއްޔާއިން، އައްޑު އަށް ތަރައްޤީ ނުގެނެވިގެން އުޅޭ ސަބަބުތައް ހޯދާ ދިރާސާ ކުރެއެވެ. ތަޖްރިބާކާރުންގެ އެހީއާއެކު އައްޑޫ ތަރައްޤީ ކުރުމަށްޓަކައި މިވަގުތު ބޭނުންވަނީ ކޮން ކަމެއްތޯ ހޯދާ ބަލައެވެ. ފަތުރުވެރިން އައްޑޫއަށް އަންނަން ޖެހޭ ސަބަބުތަކަކީ ކޮބައިތޯ އޮޅުންފިލުވައެވެ.
އައްޑޫއަކީ ބޮޑު އަތޮޅެކެވެ. ބިންވެސް ބޮޑެވެ. އާބާދީވެސް ބޮޑެވެ. އެހެންކަމަށް ވާނަމަ މިއާބާދީއަށް ބޭނުންވާ ވަރަށް އާމްދަނީ ލިބޭނެ ވަސީލަތްތައް އައްޑޫގައި ޤާއިމް ވެފައި ހުންނަން ޖެހޭނެއެވެ. މާލޭގައި އިމާރާތްތައް 25 ބުރިއަށް އަރައިގެން އެދަނީ އެއީދެން މާލެވީތީ އެއޮންނަ ކީރިތިކަމާއި މޫރިތި ކަމަކުން ނޫނެވެ. އިންޓަނޭޝަނަލް ގޭޓްވޭއަކަށް މާލެހެދީތީ ވަމުންދާ ގޮތެކެވެ.
“އާމްދަނީ އައްޑޫއަށް ވަންނާނީ އެއަރޕޯޓާއި ބަނދަރާއި ފަތުރުވެރިކަމަށް އިސްކަންދީގެން އެތިންކަން ފުރަތަމަވެސް ރަނގަޅު ކުރެވިގެން . އަޅުގަނޑުމެންގެ މަސައްކަތަކީވެސް އެއީ. އެތިން ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ބައްދަލުކޮށް މިތިން ދާއިރާ ތަރައްޤީ ކުރުމުގެ ޕްލޭން އޮތްގޮތް އޮޅުންފިލުވާ އެމަސައްކަތްތައް ކުރުމުގައި ހުރި ގޮން ޖެހުންތައް ދަނެގަނެ ލޮބީކޮށްގެން އެޕްލޭންތައް މަސައްކަތް ކުރާނެ ގޮތްތަކާބެހޭ މަޝްވަރާތައް ކުރަމުން މިދަނީ.” އޭޑީސީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝިހާމް ވިދާޅުވިއެވެ.
އައްޑޫސިޓީގައި އިންޓަނޭޝަނަލް އެއަރޕޯޓެއް އެބައޮތެވެ. އެހެނަސް މިތަން، ” މާލިމީއެއްނެތި ދަތުރުކުރާ އޮޑިއެކޭ އެއްފަދައެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ޙާލަތު އޮތީ އަދިމާދަށުގައެވެ. އިސްވެރިއެއް ނެތްތާނގައި އެސްޓީއޯއަށާއި އެފަދަ ދެތިންތަނަކަށްދަރާފައިވާ ދަރަނި ބޯމަތިން އަރައެވެ. ގެއްލުމުގައި ހިނގަމުން އަންނަ މިކަހަލަ ކުންފުންޏަކުން ދެން ކުރެވޭނެ ވަކި އެހެން ކަމެއް އޮންނާނެތޯއެވެ.
އައްޑޫސިޓީގެ 2020ގެ ބަޖެޓް ކިތައްމެ ބޮޑު ނަމަވެސް އެއަރޕޯޓް ތަރައްޤީއަށް ލޯލާރިއެއްވެސް ހިމަނާފައިނެތެވެ. އެހެންކަމަށްވާނަމަ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ދެން ވާނީ ބޭނުން ނުހިފޭ ބޭކާރު ތަނަކަށެވެ.” އައްޑު އިންޓަނޭޝަނަލް އެއަރޕޯޓް އެހެން އޮތްވާ އަޑުއިވިގެން މިދަނީ އަވަށްޓެރި ހުވަދޫއަތޮޅުގައި އިންޓަނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރާ ވާހަކަ.ޓްރާންސިޓް ބަނދަރެއް އައްޑޫ ގައިވެސް އޮވޭ.އެކަމަކު މިހާރު އިވެނީ ލ. އަތޮޅުގަ ބަނދަރެއް ހަދާވާހަކަ. މިއީ ބަލައިގަނެވޭނޭ ކަންތައްތަކެއް ނޫން. ދެކުނުގެ 4 އަތޮޅު އެއްކޮށްލައިގެން 4000 ވަރަކަށް އެނދު ތަރައްޤީ ކުރެވޭނެނަމަ އައްޑޫސިޓީގެ އެއަރޕޯޓްވެސް ބަނދަރުވެސް ބޭކާރުވެގެނެއްނުދާނެ. ފަތުރުވެރިކަމަށް ބަލާއިރު ލޯނުދެވެން އޮތީ ދެ ތިން ގެސްޓްހައުސް ވަރު އަޅަން. ދެން ބިޑު ހުޅުވާލައިގެން ކޮން ސަކަރާތެއްތޯ މިޖައްސަވަނީ؟އާދައިގެ ރައްޔިތުމީހާއަށް އެފޯޑެއް ނުކުރެވޭ މިކަންކަމެއް.” ޝިހާމް ވިދާޅުވިއެވެ.
އައްޑޫސިޓީގެ އިޤްތިޞާދީ ތަރައްޤީވަޅުޖެހިފައިވާ ވުން ކުޑަކޮށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް މިކަން ގެނައުމުގައި އޭޑީސީ އިން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަ ކުރައްވަމުން ޝިހާމް ވިދާޅުވީ ބަޔަކު މިކަންކަން ބަލާ އަޑު އުފުލާކަން އެނގުން އެއީ ބޮޑު ކުރިއެރުމެއް ކަމަށާއި ސަރުކާރާއި ކަމާބެހޭ ދާއިރާތަކާއެކު އައްޑޫ ތަރައްޤީ ކުރުމުގައި އޭޑީސީ އަބަދުވެސް އޮންނާނެ ކަމަށެވެ.އަދި މިކަމުގައި އަލި މަގެއް ފެންނަން ދެން ނޫނީ ކޮޅެއްގައި ޖެހެންދެން ސާބިތުވެ ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދައްކަނީ ހާދަބޮޑު ތާރީޚެއް އޮތް ސިޓީއެއްގެ ވާހަކައެވެ. ޗާލު ޤުދުރަތީ ރީތި ވަޞީލަތްތަކެއް ލިބިފައިވާ ތަރިކައެއްގެ ވާހަކައެވެ. މިދައްކަނީ މޮޅު ޢިލްމުވެރިންނާއި އެތައް އަގުހުރި ދަރިންނެއް އުފަން ކުރުވި ބިމެއްގެ ވާހަކައެވެ. މިދައްކަނީ ނިމިދިޔަ ޤަރުނުގެ މެދާއިހަމަޔަށް ރާއްޖޭގެ އެހެން އެއްވެސް ހިސާބެއްގައި ނެތްފަދަ ޢުމްރާނީ ތަރައްޤީއާއި ބޭސްފަރުވާއާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ތަނަވަސްކަން އޮތް މުއްސަނދި ތަނެއްގެ ވާހަކައެވެ. މިއަދު މިލިބެނީ އައްޑޫގެ ރައްޔިތުންނަށް ޙައްޤުވާ މިންވަރެއް ނޫނެވެ. އެހެންކަމުން އޭޑީސީ އިން މިކުރަނީ ޙައްޤު މިންވަރު ހޯދުމަށް ކުރާ ޤައުމީ ޖިހާދެކެވެ.އޭޑީސީއަށް ކާމިޔާބާއި ކުރިއެރުންއެދެމެވެ.