ސައުތު އޭޝިއަން ގޭމްސް:ބަންގްލަދޭޝް އަތުން ވެސް ރާއްޖެ އަށް ޕޮއިންޓެއް
2 ދުވަސް ކުރިން
ޒީނު

ނޭޕާލުގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން  ގޭމްސްގެ ފިރިހެން ޓީމު ބަންގްލަދޭޝްއާއި ދެކޮޅަށް ކުޅުނު  މެޗް  ނިމިފައިވަނީ  1-1 ގެ ނަތީޖާއަކުންނެވެ.

އަކްރަމްޢަބްދުލް ޣަނީ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި ބައިކޮޅަށް ޖެހިލަނޑާއި އެކު ފުރަތަމަ ހާފު ނިމިފައިވަނީ 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.

Advt

Advertisement

ރާއްޖެ އަށް މެޗްގެ ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ 70 ވަނަ މިނިޓްގައި ފޭދޫ އިއްބެ އެވެ. ހަންނަ ފެށި އެޓޭކެއްގައި ބަންގްލަދޭޝް ހާފުގެ ތެރެއިން ދާދު އަށް ލިބުނު ބޯޅަ ހިފައިގެން އައިސް އޭރިއާ ތެރެއިން ދިނީ ހުސްކޮށް ހުރި ފޭދޫ އިއްބެ އަށެވެ. އޭނާ ވަނީ ބަނގްލަދޭޝްގެ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒު ކޮށްލާފައެވެ.

ފޭދޫ އިއްބެ މިއަދުވަނީ މޮޅުކުޅުމެއް ކުޅެ ބަނގްލަދޭޝް ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ދީފައެވެ. ނަމަވެސް ކާމިޔާބު ކުރެވުނީ އެއްމެ ގޯލެކެވެ. މުބާރާރާތުގެ ފުރަތަމަ މެޗްގެ ކުޅުމަށްވުރެ ރާއްޖެ ޓީމުގެ ކުޅުން މިއަދު ރަނގަޅުކަމަށް ފާހަގަކުރެވުނެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމު ފުރަތަމަ ކުޅެން ޖެހުނީ ސްރީލަންކާއާ ދެކޮޅަށެވެ. މި މެޗުވެސް އެއްވަރުވި އިރު، އެއްވެސް ކޮޅަކަށް ގޯލެއް ޖެހިފައެއް ނުވެއެވެ.

މުބާރާތުގައި ދެން ރާއްޖެ ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހު މެންދުރު ކުޅޭނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖެ ގަނޑިން 12:15 ގަ އެވެ.

ސައުތު އޭޝިއަން ގޭމްސް 2019ގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ނޭޕާލާއި، ބޫޓާނަށް ތިން ޕޮއިންޓު ލިބިފައިވެއެވެ. އަދި ދެ ޕޮއިންޓާއެކު ރާއްޖެ އޮތީ ތިން ވަނައިގައެވެ. ސްރީލަންކާއާއި ބަންގްލަދޭޝްއަށް ލިބިފައިވަނީ (ޓީމްއަކަށް) އެއް ޕޮއިންޓެވެ.

އެންމެ ފަހުން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ތިން ވަނަ ހޮވި މެޗުން ރާއްޖެ ވަނީ ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ.

ރާއްޖޭގެ ކޯޗް ސެގާޓް ބުނީ މި މެޗަކީ ވެސް މޮޅުވެވޭ ވަރަށް ފުރުސަތު ތަނަވަސްކުރެވުނު މެޗެއް ކަމަށާއި ކުޅުންތެރިންކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި ކުރިން މެޗަށް ވުރެން ޕޮޒިޓިވް އެއް ކަމަކީ ލަނޑެއް މި މެޗުގައި ޖެހުން ކަމަށާއި ދެން އޮތް މެޗުތަކަށްދާއިރު ޓީމުގެ ރޫހު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ސެގާޓް ބުންޏެވެ.