ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމަށް 63 އަހަރުގެ މާޓިން ކޫޕްމަން ހަމަޖައްސައިފިއެވެ. ކޫޕްމަން ޤައުމީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި އިރު އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ހޮލެންޑްގެ ރެނޭ ހިޑިންކް އެވެ.
ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކޫޕްމަން އާއި ހިޑިންކް ޤައުމީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސި އިރު މި ދެ ކޯޗުންވެސް އެންމެ ފަހުން މަސައްކަތް ކުރީ ކެރީބިއަން ސަރަހައްދުގެ ކުޑަ ޤައުމެއް ކަމަށްވާ އަރޫބާގެ ޤައުމީ ޓީމުގަ އެވެ.
އެސިސްޓެންޓް ކޯޗަކަށް ހަމަޖެއްސި ރެނޭ ހިޑިންކް އަކީ މަޝްހޫރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ އެވެ. މިދެކޯޗުންގެ ކޯޗް ކަމުގެ ދަށުން ޤައުމީ ޓީމަށް އެންމެ ފުރަތަމަ އޮތް މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗެވެ.
ޤައުމީ ޓީމުގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު މާޓިން ކޫޕްމަން ބުނީ އޭނާ މަސައްކަތް ކުރާނީ ޕޮޒެޝަން ހިފަހައްޓައި ރީތި އެ ޓޭކިން ގޭމެއް ކުޅުމަށް ކަމަށެވެ. އޭނާ އަކީ މި ފަސް އަހަރުތެރޭ ޤައުމީ ޓީމަށް ހަމަޖެއްސި ފަސް ވަނަ ކޯޗެވެ.