English Edition
Dhivehi Edition

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ބޫޓާން އަތުން ބަލިވެ ފައިނަލަށް ދިއުމުގެ ޖާގަ ހަނިވެއްޖެއެވެ. މިސަރަޙައްދުގެ ވެސް އެންމެ ބަލި ޓީމްގެ ގޮތުގައިވެސް ފާހަގަ ކުރެވޭ ބޫޓާން ޓީމް އަތުން ރާއްޖެ ބަލިވުމަކީ އެތައް ބަޔަކަށް ޙައިރާން ކަން ލިބުނު ކަމެކެވެ. ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަޝްރާތު ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހު މެންދުރުފަހު ކުޅުނު އެމެޗުން ރާއްޖޭގެ 23 އަހަރުން ދަށުގެ އައުމީ ފުޓްބޯޅަ ޓީމު ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. މިއީ ވޭތުވެދިޔަ 40 ހަކަށް އަހަރުގެ ތެރޭގައިވެސް ބޫޓާނުގެ ޓީމެއް ރާއްޖޭގެ ސީނިއަރ ޓީމެއް އަތުން ބަލިވި ފުރަތަމަ ފަހަރެވެ. ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ޓީމުން ކުރިޔަށްޖެހި އެޓޭކްކުރަން މަސައްކަތްކުރި ނަމަވެސް ބޫޓާނުން ވަނީ ރާއްޖޭގެ އެޓޭކްތައް ހުއްޓުވައިފައެވެ. ބޫޓާނުން ދިޔައީ އެޓީމުގެ ހަލުވި ފޯވާޑުންގެ އެހީގައި ކައުންޓާ އެޓޭކްގައި ރާއްޖޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ވަނީ ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޝިމީ ޑޯޖީ އެވެ. މިއީ ބޫޓާނަށް ލިބުނު ކޯނަރުގެ ބޭނުން ހިފައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ބޫޓާނުގެ ދެވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޕުބީ ތީންލީ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ރާއްޖޭގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ދަށް ކުޅުމެއް ދައްކަމުން އަންނަ އިރު ފުރަތަމަ ދެ މެޗުގައި ބަންގްލަދޭޝްއާއި ސްރީލަންކާ އަތުން ވަނީ އެއްވަރުވެފައެވެ.

މިއަދުގެ މެޗަށް ފަހު ތާވަލުގެ ހަތަރުވަނައަށް ރާއްޖެ ވަނީ ވެއްޓިފައެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ބޫޓާން އެއްވަނައިގައި އޮތް އިރު ނޭޕާލްއޮތީ 4 ޕޮއިންޓާއެކު ދެވަނައިގައެވެ. ތިންވަނައިގައި އޮތީ ދެ ޕޮއިންޓާއިއެކު ސްރީލަންކާއެވެ. މިމުބާރާތުގެ ހަތަރު ވަނައިގައި ރާއްޖެއޮތީ ދެ ޕޮއިންޓާއެކު އެއް ގޯލު މައިނަސްގައެވެ.