English Edition
Dhivehi Edition

ދަތާއި ހިރުގަނޑުގައި ރިއްސުމަކީ ވަރަށް އާންމު ކަމެކެވެ. ބައެއްފަހަރު ދަތް އުނގުޅުމުގައި އަނިޔާއެއް ވުމުންވެސް ދަތުގައި ނޫނީ ހިރުގަނޑުގައި ރިއްސަފާނެއެވެ. އަދި ދަތް ފަނިކެއުމުންވެސް ރިއްސައެވެ. މިއިން ކޮންމެ ސަބަބަކާހުރެ ދަތުގައި ރިއްސިނަމަވެސް މިއީ ވަރަށް އުނދަގޫތަކާއި ވޭން ތަހައްމަލް ކުރަންޖެހޭ ކަމެކެވެ. ކެތްނުވާ ވަރަށް ރިއްސާނަމަ ޑެންޓިސްޓަކަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް ކެތްވާވަރު ތަދެއްނަމަ ގޭގައި މިފަރުވާތައް ކުރެވިދާނެއެވެ.

ލޮނުފެން :

ލޮނުފެނުން އަނގަދޮވުމުން ދަތުގައި ހަރުލާފައި ހުންނަ ކާއެއްޗިހި ފިލާނެއެވެ. ލޮނުގައި ހިމެނޭ މާއްދާތަކުން ހިރުގަނޑު އިންފްލެމޭޝަން ވުމުން ދުރުކޮށްދީ ދަތާއި ހިރުގަނޑުގައި ހުންނަ ނުރައްކާރެރި ބެކްޓީރިއާ މަރާލައެވެ.

ބޭނުން ކުރާނެގޮތް: ތާފަނާ ފެންފޮދަކަށް ބައިސަމްސާ ލޮނު އަޅާފައި މިފެނުން އަނގަ ދޮންނާށެވެ.

ލޮނުމެދު:

ލޮނުމެދުގައި ބޭސްވެރިކަމަށް ބޭނުންވާ ތަފާތު މާއްދާތައް ހިމެނެއެވެ. އާންމުކޮށް ރޯގާ އަދި ފްލޫ އަށް ބޭސް ކުރުމަށް ލޮނުމެދު ބޭނުން ކުރެއެވެ. ދަތުގައި ހުންނަ ބެކްޓީރިއާ ތަކަށް ލޮނުމެދަކީ ވަރަށް ރަނގަޅު އެއްޗެއްކަމަށް ސިއްހީ މާހިރުންވެސް ބުނެއެވެ. އަދި އެމީހުން ބުނާގޮތުގައި ލޮނުމެދަކީ އެންމެ ރަނގަޅު ތަދުކަނޑުވާ ބޭހެވެ.

ބޭނުން ކުރާނެގޮތް: ލޮނުމެދު ޗަސްކޮށްފައި ދަތުގައި ނޫނީ ހިރުގަނޑުގައި ރިއްސާ ދިމާލުގައި ޗަސްކުރި ލޮނުމެދު ޕޭސްޓް އުނގުޅާފައި ބަހައްޓާށެވެ. ބޭނުންނަމަ ލޮނުމެދު ހަފައިގެން ކާލެވިދާނެއެވެ.

ސައިފަތް ޕެކެޓް:

ބައެއް ސައިފަތް ޕެކެޓްތަކުގައި ޓެނިންސް ކިޔާ މާއްދާ އެއްހިމެނެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސައިފަތުގައި ހިމެނޭ މިމާއްދާއިން ދަތުގައި ރިހުން ރަނގަޅު ކޮށްދީ އަނގައިގައި ހުންނަ ބެކްޓީރިއާތައް ނައްތާލަދެއެވެ. އާންމު ގޮތެއްގައި ގްރީންޓީ ސައިފަތް، ހައިބިސްކަސް ސައިފަތް އަދި ބްލެކްޓީ ގައި ޓެނިންސް ކިޔާ މިމާއްދާ ހިމެނެއެވެ.

ބޭނުން ކުރާނެގޮތް: ސައިފަތް ޕެކެޓް ހޫނުފެނަށް ލާފައި އިރުކޮޅަކު ބެހެއްޓުމަށްފަހު ކެތްވާވަރަށް ހިހޫކޮށްލާށެވެ. ދެން ހިރުގަނޑުގައި ރިއްސާ ދިމާލުގައި ސައިފަތް ޕެކެޓް 5 މިނެޓްވަންދެން ޖައްސާށެވެ.