English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން “އާސްކްސްޕީކަރ” ޕްރޮގްރާމް މެދުވެރި ކޮށް ސުވާލު ކުރުމުގެ ފުރުޞަތު މަޖިލީހުން ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަންނަ ހޮނިހިރު ދުވަހު ޚާއްޞަ ޕްރޮގްރާމެއް ބޭއްވެވުމަށްވަނީ ނިއްމަވާފައެވެ.

ޑިސެމްބަރ 07 ވަނަ ދުވަހުގެ ރޭ 9:00 ގައި ޕީއެސް އެމް ސްޓޫޑިއޯގައި ބާއްވާ ” އާސްކްސްޕީކާރ” ޕްރޮގްރާމް ދިވެހިރާއްޖޭގެ ހުރިހާ ޓީވީ ޗެނަލަކުން ލައިވްކޮށް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކުގެ ޖަވާބު މި ޕްރޮގްރާމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ދެއްވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލު ވީޑިއޯ ކުރެއްވުމަށްފަހު ފޮނުއްވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެއްވޭނެގޮތް ވަނީ ހަމަޖައްސަވާފައެވެ. އަދި ފޯނު މެދުވެރިކޮށް ސުވާލުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނަން ނޯޓުކުރެއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސުވާލުކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުއްވާނީ 06 ޑިސެންބަރު 2019 ވާ ހުކުރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރައްވަން ބޭނުންފުޅުވާ ފަރާތްތައް، ސުވާލު ޕޯސްޓު ކުރައްވާއިރު AskSpeaker# ބޭނުންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގަންނަވައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މިއީ މިގޮތަށް ޢާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމްވެސް މެއެވެ.