English Edition
Dhivehi Edition
ޕީޖީ ހުސައިން ޝަމީމް - ފޮޓޯ: ސަން

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް، ޙުސެއިން ޝަމީމްގެ ނަން ދިރާސަކުރުމަށް ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯދުމަށް ޝަމީމްގެ ނަން ހުށަހަޅުއްވާފައިވާކަން އިއުލާންކުރެއްވީ ރޭ ރައީސް ކުރެއްވި ޓްވީޓެއްގަ އެވެ.

މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ޕީޖީގެ މަޤާމަށް ޝަމީމް އައްޔަންކުރުމަށް، އޭނާގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައިވާކަން މިއަދުގެ ޖަލްސާގައި އިއުލާންކުރައްވައިފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އައިޝަތު ބިޝާމް މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މަޤާމު ވަނީ ހުސްވެފައެވެ. އަދި އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އޮތީ އާދީއްތަ ދުވަހުގެ މެންދުރާއި ހަމައަށް ހުޅުވާލާފައެވެ. ވަގުތު ހަމަވިއިރު އެމަޤާމަށް އެދިފައިވަނީ 3 ފަރާތަކުންނެވެ. އެގޮތުން ޝަމީމްގެ އިތުރުން ޕީޖީ ކަމަށް ދެން ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕީޖީންގެ ގޮތުގައި މަސައްކަތް ކުރެއްވި މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު އަޙްމަދު ޒަނީނެވެ.

ޕީޖީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ބިޝާމް އިސްތިއުފާދެއްވާފައި ވަނީ އެކަމަނާ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށެވެ.

ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި ނަމަވެސް އޭރު އެ ނިންމުން ވަނީ ކާމިޔާބު ވާގޮތެއް ނުވެފައެވެ. ބިޝާމް ވަކިކުރުމަށް ސަރުކާރުގެ ގިނަ ފަރާތްތަކުން ގޮވާލާފައި ވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެކަމަނާ އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމުގައި ތުހުމަތުކޮށެވެ.