English Edition
Dhivehi Edition

ލިޔުނީ: ޔުމްނާ ސާބިޤް/

ހުޅުދޫ ސްކޫލްގެ އިންޓަރ ހައުސް ނެޓްބޯޅަ މުބާރާތް މިއަދު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެސްކޫލުން ބުނެފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެސްކޫލުގެ ތިންހައުސްގެ މެދުގައެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިމުބާރާތުގައި ވާދަކުރާނީ ކޮންމެ ހައުސްއަކުންވެސް ދެ ޓީމެވެ. އެއީ 9 އަހަރުން ދަށުގެ ޓީމަކާއި 13 އަހަރުން ދަށުގެ ޓީމެކެވެ. މުބާރާތުގައި ކޮންމެ އުމުރުފުރާ އަކުންވެސް ޖުމްލަ 4 މެޗްކުޅޭނެއެވެ.

މި މުބާރާތުގެ މަޤްސަދަކީ، ދަރިވަރުންނަށް ނެޓްބޯޅަ ކުޅުމުގެ ހުނަރު ދަސްކޮށްދީ، ކުޅިވަރުގެ ރޫޙާއެއްގޮތަށް ކުޅެން ދަސްކޮށްދިނުންކަމަށް، މިމުބާރާތް އިންތިޒާމްކުރާ ފަރާތްކަމުގައިވާ ސްކޫލުގެ ސްޕޯޓްސް ކްލަބުން މައުލޫމާތުދިނެވެ. މިއީ ކޮންމެ އަހަރަކު އެސްކޫލްގެ ތިން ހައުސްގެ މެދުގައި ބޭއްވޭ އަންހެންކުދިންނަށް ޚާއްސަ މުބާރާތެކެވެ.

މިމުބާރާތް މިއަދު ފަށާއިރު، ދަރިވަރުން ވަނީ މިދިޔަ ހަފްތާއިން ފެށިގެން މުބާރާތަށް ފަރިތަކުރަން ފަށާފައެވެ. އެގޮތުން ދަރިވަރުންނަށް ނެޓްބޯޅައިގެ ހުނަރުތައް ދަސްކޮށްދީ، ފަރިތަކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ހައުސް ތަކަށް ނިސްބަތްވާ މުދައްރިސުންނެވެ. މީގެ އިތުރުން، މިދިޔަ ބުރާސްފަތި ދުވަހު ސްކޫލުންވަނީ ނެޓްބޯލް އެސޯސިއޭޝަންގެ ބޭފުޅަކުވެސް ގެނެސް، ދަރިވަރުންނަން ނެޓްބޯޅައިގެ އެންމެ ފަހުގެ ޤަވާއިދުތައް ކިޔާދީ ދަސްކޮށްދިނުމުގެ ގޮތުން 2 ގަޑި އިރުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.