English Edition
Dhivehi Edition
"އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019" އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުން ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި “އިންޖިނިއަރިންގ ސިމްޕޯޒިއަމް 2019” އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތްކުރަނީ ޚާއްޞަކޮށް އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ދިނުމުގައި ރައްޔިތުންގެ ޝަކުވާއެއް ނޯންނާނޭހެން ހާމަކަން ބޮޑުގޮތެއްގައި ކުރިޔަށްގެންދިއުމަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރުވެސް ރަށްރަށުގެ އިންޖީނުތައް ބަދަލުކުރުމާއި އިންޖީނުގެތައް އިމާރާތްކުރުމާއި އިންޖީނުތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުން ގެންދާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 60 އަށްވުރެ ގިނަ ރަށަކަށް ޖަނަރޭޓަރު ފޯރުކޮށްދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަރަންޓް ބޭނުން ކުރާ ފަރާތްތަކުންވެސް އިސްރާފުކުޑަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އެގޮތުން ރައްޔިތުންގެ އުންމީދުތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ޚާއްޞަކޮށް ދައުލަތުން ދޭ ޚިދުމަތްތައް ރަނގަޅުކޮށް، ބޭކާރު ޚަރަދާއި އިސްރާފުކުރުން ހުއްޓާލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވި އެވެ. އަދި ކުރާ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތައް ހޯދުމާއި ކުރާ މަސައްކަތްތަކާއި ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިސަރުކާރުން މަސައްކަތްތައް ކުރިޔަށްގެންދާއިރު ރައްޔިތުން އެންމެ ހިތްހަމަޖެހޭގޮތަށް، ޚަރަދުކުޑަކޮށް އަދި ރަނގަޅު ފެންވަރުގައި، މަސައްކަތްތައް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޤައުމަށް ބޭނުންވާ މިފަދަ ދާއިރާތަކުން މީހުން އުފެއްދުމުގެ މުހިންމުކަމާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންކަން ވެސް ފާހަގަކުރެއްވިއެވެ. މިއަދު ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެނަކައިގެ ބްރާންޗްތަކުގެ އިންޖީނުގެތައް “ރިމޯޓް ކޮންޓްރޯލު ކުރުމުގެ ނިޒާމު” އިފްތިތާޙްކޮށްދެއްވާފައެވެ.