އައްޑޫ ސިޓީގެ މަރަދޫ އަވަށު ފުޓްބޯޅަދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އަލުން އިއުލާންކޮށްފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި ބިޑް ވިއްކުން އޮންނާނީ މިއަދު ހެނދުނު 10:00ން ފެށިގެން ޑިސެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް ކައުންސިލްގެ އިދާރާއިންނާއި، ހުޅުދޫ އަވަށު އޮފީހުން ކަމަށާއި، ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރ (ތިންސަތޭކަ ރުފިޔާ) ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ކައުންސިލުން ބުނީ ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ ޑިސެންބަރު 11 ވާ ބުދަ ދުވަހުގެ 13:00ގައި ކައުންސިލްގެ އިދާރާގެ ހޯލްގައާއި ހުޅުދޫ އަވަށު އޮފީހުގައި ކަމަށެވެ.
ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ ޑިސެންބަރު 02 ވާ ހޯމަ ދުވަހުން ފެށިގެން ޑިސެންބަރު 08 ވާ އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު [email protected] އަށް މެއިލްކޮށްގެން ސާފުކުރެވޭނެ ކަމަށާއި، މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ޑިސެންބަރު 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި މެއިލްމެދުވެރިކޮށް ކަނޑައެޅިފައިވާ ވަގުތަށް މައުލޫމާތު ނުލިބޭނަމަ ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަނަށް ވަޑައިގަތުމުން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.