English Edition
Dhivehi Edition

ރާއްޖެއިން މީހުން މަރުވަމުންދާ ނިސްބަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވަމުންދާ ޢަދަދު އިންތިހާ އަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުގެތެރެއިން ދިވެހިންގެ ތެރެއިން އެއްމެ ޢާއްމުކޮށް ފެންނަ އެއްބައްޔަކީ ހަކުރު ބައްޔެވެ. ހަކުރު ބައްޔަކީ، ކޮއްމެ ޢާއިލާއަކަށްވެސް އޭގެ އަސަރު ކޮށްފާނެ ބައްޔެކެވެ.

ވީމާ މި ބަލިން ރައްކާވެ ތިބުމަށްޓަކައި ތިމާގެ ދިރި އުޅުމުގެ ކަންތައް، ކެއިންބުއިން،ހެލިފެލިވެ އުޅުން ޞިއްޙަތަށް ފައިދާވާ ގޮތަށް ބައްޓަން ކުރަންޖެހެއެވެ. ޚާއްޞަކޮށް ކެއިން ބުއިމުގައި ހަކުރު ހިމެނޭ ބާވަތްތައް ވަރަށް ބޮޑަށް މަދުކުރުން މުހިއްމެވެ. ދުވާލަކު މަދުވެގެން 30 މިނެޓް ކޮއްމެވެސް ކަހަލަ ކަސްރަތެއް ކުރުންވެސް މުހިއްމެވެ.އަދި ދުންފަތާއި މަސްތުވާތަކެތީން ދުރުހެލިވުންވެސް މުހިއްމެވެ. އަޅުގަނޑުމެންގެ ތެރެއިން ޒުވާންކުދިން މަޖަލަކަށް ނަމަވެސް ބޯލާ އެނަރޖީ ޑްރިންކްސް ފަދަ ބުއިންތަކަކީ ހަކުރުބައްޔަށް މަގު ފަހިކޮށްދޭ ބުއިން ތަކެކެވެ.

ހަކުރުބަލީގެ މީހުންގެ ހަކުރު ކޮންޓްރޯލް ނުވެ ހުންނަ ނަމަ ކުރިމަތިވެދާނެ މައްސަލަތަކުގެތެރޭގައި،ހިތާއި ލޭނާރުގެ ބަލިތައް ޖެހުމާއި،ގުދާރުގެ މައްސަލަތައް ޖެހުމާއި،ލޮލުގެ ބައްޔާއި ނާރުގެ ބަލިތައް ޖެހުންވަރަށް ކައިރިއެވެ.

ހަކުރު ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި، މާބޮޑަށް ބަނޑުހައިވުން،ވަރުބަލިވުން.މާބޮޑަށް ކަރުހިއްކުން،ބަރުދަން ލުއިވަމުން ދިއުން،ލޯފުސްވުން،އަވަސް އަވަހަށް އިންފެކްޝަން އުފެދުން،އަވަސްއަވަހަށް ކުޑަކަމު ދިއުން،އަދި ގައިގައި ހުންނަ ފާރުގަނޑުތައް ރަނގަޅުވުމަށް ގިނަ ދުވަސްނެގުން ހިމެނެއެވެ. މިފަދަ ކަމެއް ދިމާވާނަމަ ވީ އެއްމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދުމަކީ ރައްކާތެރި ވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ.

ދުރާލާ ބަލި ހުރިކަން ދެނެގަނެ ފަރުވާ ލިބިގަނެ ހަކުރު ކޮންޓްރޯލްގަ ބަހައްޓައިފިނަމަ މި ކަންކަމުން ރައްކާތެރިވެވިދާނެއެވެ.

އަޅުގަނޑުމެންގެ އާބާދީއަކީ ހަކުރުބަލިން ސަލާމަތްވެފައިވާ އާބާދީއަކަށް ވުމަށްޓަކައި ކޮންމެ މީހަކުވެސް ހަކުރު ބައްޔާއި ދޭތެރޭ ސަމާލުވެ ހަކުރުބައްޔާއި ބެހޭ މަޢުލޫމާތު އެއްކޮށް ހަކުރުބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މުހިންމުކަމެކެވެ.