ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ހުޅަނގު ފަރާތުގައި ހަދަމުންދާ އާ ކާގޯ ޓާމިނަލް ސަރަޙައްދުގެ ޢުމްރާނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިއުލާންކޮށްފި އެވެ.
އެމްއޭސީއެލް އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސަރަޙައްދުގައި އެ ކުންފުނިންދޭ މިންގަނޑުތަކާއި އެއްގޮތަށް ޢުމްރާނީ މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ކަރަންޓު/ފެންހޮޅި ވަޅުލުން، ފައުންޑޭޝަން، ޓްރެންޗިން، ކަރަންޓު ސަބްސްޓޭޝަންގެ މަސައްކަތްތައް އަދި އެފަދަ އެހެނިހެން މަސައްކަތްތައްވެސް ހިމެނެއެވެ.
އެމްއޭސީއެލް އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެންބަރު 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން، ފެކްސް ނުވަތަ އީމެއިލް([email protected]) މެދުވެރިކޮށް އެކަމަށް އެދި ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެމްއޭސީއެލް އިން ބުނީ ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ “ސައިޓް ވިޒިޓް” ޑިސެންބަރު 10 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައި ވީއައިއޭގައި އޮންނާނެ ކަމަށެވެ.
ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ޑިސެންބަރު 19 ވާ ބުރާސްފަތިދުވަހުގެ މެންދުރު 13:00 އެވެ. އެމްއޭސީއެލް އިން ބުނީ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި، ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ އެ ދުވަހު އެކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ. އަދި ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެމްއޭސީއެލް އަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.