ފަނޑިޔާރުކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަންޖެހޭ ލިޔުން ދޫކުރުން އަވަސްކޮށްދިނުމުގެ ގޮތުން މިއަދު އެ ކޮމިޝަން ހުޅުވައިފި އެވެ.
Fandiyaaru kamashaai, PG ge maqaamah kurimathi lavvan beynunfulhuvaa faraaiythakun EC in hodhan jehey liyun (party ehgai ulheykan/noolheykan) dhookurun avas kohdhinumuge gothun miadhu 12:00 -18:00 ah EC hulhuvifai hunnaane vaahaka dhannavan.
— Elections Commission (@ElectionsMv) November 30, 2019
އީސީގެ ރަސްމީ ޓްވިޓާ ހޭންޑަލްއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެފަރާތްތަކަށް ސިޔާސީ ޕާޓީއެއްގައި އުޅޭކަން ނުވަތަ ނޫޅޭކަމުގެ ލިޔުން ދޫކުރުން އަވަސްކުރުމުގެ ގޮތުން މިއަދު މެންދުރު 12:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް އެ އިދާރާ ހުޅުވާފައި ހުންނާނެ ކަމަށެވެ.
އީސީ އިން މިހެން ބުނެފައިވާއިރު، ޕީޖީ މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މާދަމާ މެންދުރުފަހު 14:00 އަށް ހުޅުވާލައިފަ އެވެ.
ޕީޖީގެ މަޤާމުގައި ހުންނެވި ޢާއިޝަތު ބިޝާމް އިސްތިއުފާދެއްވާފައި ވަނީ އެކަމަނާ މަޤާމުން ވަކިކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާފައި ވަނިކޮށެވެ.
ޕީޖީގެ މަޤާމުން ބިޝާމް ވަކިކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ފާސްކުރި ނަމަވެސް އޭރު އެ ނިންމުން ވަނީ ކާމިޔާބު ވާގޮތެއް ނުވެފައެވެ. ބިޝާމް ވަކިކުރުމަށް ސަރުކާރުގެ ގިނަ ފަރާތްތަކުން ގޮވާލާފައި ވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައި އެކަމަނާ އޭރުގެ އިދިކޮޅު ބައެއް ފަރާތްތަކަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމުގައި ތުހުމަތުކޮށެވެ.