ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރަންދެން އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ޕީޕީއެމް އާއި ޕީއެންސީ އިން މާލޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ. މިގޮތަށް އިދިކޮޅު ކޯލިޝަނުން ނިންމާފައި ވަނީ ރޭ އެ ކޯލިޝަންގެ ދެ ޕާޓީ ޕީޕީއެމް އާއި ޕީއެންސީ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައެވެ.
މިނިންމުމާއެކު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މާލެ ޖަލު ކުރިމަތީގައި ރޭ ވަނީ މުޒާހަރާ ކޮށްފައެވެ.އެހެންނަމަވެސް އެއްވެ އުޅުން މަނާ ސަރަޙައްދަކަށް ވާތީ ފުލުހުންވަނީ އެ އެއްވުން ރޫޅާލާފައެވެ.
ރައީސް ޔާމީން ގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑާރ ކުރުމުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް ކޮށް 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ. މިހާރު ރައީސް ޔާމީން ހުންނެވީ މާލެ ޖަލުގައެވެ.
އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާ އެއް ކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅުން ދާނީ މީސްމީޑިޔާގައި އާއި އެހެން ޕްލެޓްފޯމް ތަކުގައި އަޑު އުފުލަމުންނެވެ.