English Edition
Dhivehi Edition

އަޅުގަނޑުމެންގެމި ރާއްޖެ ކުޑަވެފައި، މީސްކޮޅު ކިތަންމެ މަދު ނަމަވެސް، އަޅުގަނޑުމެންނަށް ލިބިފައިވާ ނިޢުމަތްތަކާއި ވަސީލަތްތައް، ގުނައި ޢަދަދު ނުކުރެވޭހައި ގިނަކަމަށާއި އެ ހުރިހާ ނިޢުމަތްތަކެއްގެ ތެރެއިންވެސް، އެންމެ މަތިވެރި އަދި އެންމެ އަގު ބޮޑު ނިޢުމަތަކީ، އިސްލާމް ދީނުގެ މަތިވެރި ނޫރުން، އަޅުގަނޑުމެންގެ ހިތްތައް އުޖާލާކޮށްދެއްވުންކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. މިއަދު ފާހަގަ ކުރާ ރާއްޖެ އިސްލާމް ވި ދުވަހުގެ މުނާސަބާގައި ޤައުމާއި މުޚާޠަބު ކުރައްވާ އެމަނިކްފާނު ފޮނުއްވި ޚިޠާބުގައި، އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގައި ސާބިތުވެ ތިބުމަކީ، ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ވިދާޅުވެފައިވެއެވެ.

ދީނީ ޢަޤީދާ، ހިތްތަކުގައި ވަރުގަދަވަނީ، ދީނީ ކަންކަމަށް ފަރުވާތެރިވެ، ކުރަން އަންގަވާފައިވާ ކަންކަން ޢަމަލީ ގޮތުން ކުރުމާއެކު، ދުރުހެލިވުމަށް އަންގަވާފައިވާ އެންމެހައި މުންކަރާތްތަކުން ދުރުހެލިވުމުންކަންވެސް، ހަނދާނުގައި ބަހައްޓަންޖެހޭކަމަށާއި ވަކިން ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންގެ ޒުވާނުންނާއި ޅަދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ސާބިތުކުރުމަށް މަސައްކަތް ކުރުމަކީ، މައިންބަފައިންނާއި ބެލެނިވެރިން އަދި ތަޢުލީމީ މުއައްސަސާތަކުގެ ޒިންމާއެއްކަމަށް ދެކި، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.

މިމޭރުމުން ރައީސްގެ ޚިޠާބު ކުރިއަށް ގެންދަވަމުން، އިސްލާމް ދީނުގެ ތަޞައްވުރު ހުތުރު ކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކާމެދު، ފަރުވާތެރިވެ، އެފަދަ ކަންކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށާއި އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ކަންކަން، އިސްލާމް ދީނުގެ ނަމުގައި، ފެތުރުން ހުއްޓުވޭނީ، އަދި، އިސްލާމް ދީނަށް އިހާނެތިކޮށްހިތުމާއި، ކުޑައިމީސްކުރުމުގެ އެންމެހައި ޢަމަލުތަކުން ޅަދަރީން ސަލާމަތް ކުރެވޭނީވެސް، ދީނުގެ ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދީގެންކަމުގައި ބަޔާންކުރައްވާފައިވެއެވެ.

އެމަނިކްފާނުގެ ޚިޠާބުގައި މީގެ 893އަހަރު ކުރިން، ޝިރުކާއި ކުފުރުގެ ބާޠިލު ޢަޤީދާ ދޫކޮށް، މާތް ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާއިން، ދިވެހިންގެ ހިތްތައް އުޖާލާވެގެންދިޔަ މަތިވެރި ހަނދާންއާކުރައްވަމުން މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ހިތުގެ އިޚްލާޞްތެރިކަމާއެކު، މަރުޙަބާ ދަންނަވައި، ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

ރައީސްގެ ޚިޠާބު ނިންމާލައްވފައިވަނީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލަހައްޓަވައި، ދިވެހިންނަކީ ދީނީ ކަންކަމަށް ލޯބިކުރާ، އެކުވެރި އެއްބައިވަންތަ ބަޔަކު ކަމުގައި ލެއްވުމަށާއި ދިވެހިރާއްޖެއާއި މުޅި އިސްލާމީ އުންމަތަށް ފާގަތިކަމާއި ނަޞްރާއި ކާމިޔާބީއާއި ހަމަޖެހުން މިންވަރު ކުރެއްވުމަށްއެދި ދުޢާ ކުރައްވަމުންނެވެ.