English Edition
Dhivehi Edition

ރާއްޖޭގެ ތާރީޚުގައި މިއަދަކީ ބޮޑު ދުވަހެކެވެ. ވެރިކަމުގެ ލައްޒަތާއި އާރާއި ބާރުގައި ނިކަމެތި ރައްޔިތު މީހާއަށް ހިތުހުރި ގޮތެއް ހަދާ ޖަލުގޮޅި ޢާއްމުކުރި އަނިޔާވެރި ވެރިއަކު އިންސާފުގެ ކުރިމަތީ ކުޑަކަކޫ ޖެހި ދުވަހެވެ. 2018 އާއި ހަމަޔަށް 5 އަހަރުގެ ވެރިކަމުގެ ދައުރު ފުރިހަމަ ކުރެއްވި ދިވެހި ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖުރްމާނާއެއް ކުރީ މިއަދުގެ ވަގުތެއްގައެވެ.

މިފެނިގެން ދިޔަ ކަންތައްތަކާއެކު އެތައް ބައެއްގެ ހިތުގެ އުދާސްތައް ބަންޑުން ވާން ފަށައިފިއެވެ. ރައީސް ޔާމީނަކީ ހަރުކަށި ރަޙުމްކުޑަ ވެރިއެއް ކަމަށް ދެކޭ އެތައް ބަޔަކު އެމީހުންގެ އުފާ މިއަދު ފާޅު ކުރުމަށް ބޭނުން ކުރަމުން އަންނަނީ ތަސްވީރީ ހަތިޔާރުތަކެވެ.

މަޢުސޫމު ކުޑަ ދަރިފުޅުގެ ލޯމަތީ ބައްޕަ ޖަހައިގަނެގެން ގެންދިޔައިރު އެދަރިފުޅު ކުރަމުން ދިޔަ އާދޭހާއި ކެކުޅުމަށް މިއަދު ތަޞައްލީއެއް ލިބުނޭ ހީވި ފަދައެވެ.

 

އަނެއްކާވެސް އެހެން ދުވަހެކެވެ. މަޝްހޫރު “މޭޑޭ”ގެ މުޒާހަރާ ތެރެއިން ޖަލަށް ލެވުނު ޤައިދީންނާއި އެމީހުނަށް ދިން އަނިޔާ ތަކެވެ. އޭގެ ތެރެއިން މަރުވެ ދިޔަ ބަޠަލުންގެ ހަނދާންތަކެވެ.

ތެދެކެވެ. ރައީސް ޔާމީންގެ ދައުރު ނިމުނީ ކޮންކްރީޓް ތަރައްޤީއިން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންނެވެ. އެހެނަސް އެދެއްކެވި އަވާ މެންދުރަށް ހެއްލުނު މީހުނަށްވުރެ ނުހެއްލޭ މީހުން ގިނަކަން އެނގިގެން ދިޔައީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބުގެ ނަތީޖާއިންނެވެ.

އެމަނިކްފާނުގެ ވެރިކަމުގައި ދެން އެންމެ ފާހަގަ ކޮށްލެވުނީ އެމަނިކްފާނަށް “ޓެރަރިސްތަކަށްވެ،ވަގަކަށްވެ،ޚާއިނަކަށްވީ ލާދީނީ ފަރާތާއިމެދު ކުޅުއްވި “ދީނީ ކާޑު” ގޭމެވެ. އެގޭމް ނިސްބަތްވި ރައީސް ނަޝީދަށް ރައްޔިތުންދިނީ މަތި މައްޗަށް އަމުނާފައި “ރައީސް”ގެ ލަޤަބުތަކެވެ.

މިއަދު ޤައިދީއެއްގެ ދަރަޖާގައި ޖަލުގޮޅި ޚިޔާރުކުރައްވަން ޖެހިލެއްވި ރައީސް ޔާމީން ގެ ދައުރު ވެގެން ގޮސްފައިވަނީ “ކެބިނެޓެއް ޖަލުގައި” ފުރިހަމަވި ހަމައެކަނި ދައުރުގެ ގޮތުގައެވެ. ހުރިހާ ސިޔާސީ ލީޑަރުންނަށް ޖަލުގޮޅިންޖާގަ އެމަނިކްފާނު ދެއްވީ ހިތުން ރުހުމުންނެވެ. އެއީ ޤައުމީ ވާޖިބެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ޙާލުގައެވެ. މި އަނިޔާވެރި ވެރިކަން ތަޙައްމަލު ނުކުރާ ޢާއިލާއެއް މަދޭ ދެންނެވުން ކުށަކަށް ނުވާނެއެވެ. ވީނުވީއެއް ނޭނގި ގެއްލިދިޔަ ފަރާތްތަކަށް އިންސާފު ލިބުމެއްނެތި ލޭއޮހޮރުވުމާއި މާރާމާރީއާއި ވައްކަމާއި ތިޖޫރީ ވަގަށް ނެގުމާއި ޑްރަގްގެ ވަބާ އިންތިހާއަށް ބޮޑުވެ ޤައުމުގެ ސުލްޙަ މަސްލަޙަތަށް ލޮޅުން އަރާފައިވެއެވެ.

 

ޤައުމުގެ ރައުސްމާލު ހިތުހުރި ގޮތަކަށް ބޭނުންކޮށް ޤައުމު ދަރުވާލީވެސް މިއަދުގެ ޤައިދީއެވެ. މިއާއެކު ދެން އިވިގެންދިޔައީ ކޮންމެވެސް އަސޭލާއެއްގެ ވާހަކައެވެ. ވެރިކަން ދިފާޢު ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ސިޙުރުވެރިންނާއި ފާދިރީން ހޯއްދަވާ އެމީހުންނަށް ޓާސްކް ޙަވާލު ކުރެވުނު ވާހަކައެވެ. އާޚިރުގައި އެއަކުންވެސް ނިކުތް ނަތީޖާއެއް ނެތެވެ. އަސޭލާވެސް އޭނާގެ މޮޅު މަންތިރިއިން ރައީސް ޔާމީން ޖަލުގޮޅިއަށް ފައްތާލީއެވެ.

ރާއްޖޭގެ ސުޕަޕަވަރާއެކު ވެރިކަމުގައި ބަގުޑި ބައްދާލި ލީޑަރ ރައީސް ޔާމީން ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީ ކުރިމަތި ވުމުން ” އޮޅުވާލި ވޯޓާއި ‘ އެކު ދެދޮރުދޭތެރެއިން މުޒާހަރާއަށް ނިކުންނެވި މަންޒަރު ފެނުނެވެ.މުޒާހަރާ ކުރެވިގެން ނުވާނެ ކަމަށް ގަދައަޑުން ވިދާޅުވި ބޭފުޅާއަށް އޮޅުވާލިވޯޓު މުޒާހަރާ ހަމަ އެއްބުރުން އޯކޭވީއެވެ.

މިއަދު ނިމިގެން ދިޔަ ޝަރީޢަތްތަކާއި ކުރީގެ ރައީސުންނާއި ވެރީންނަށް އެމަނިކްފާނުގެ ރިޔާސަތުގައި ހިންގެވި ޝަރީޢަތްތަކުގެ ފަރަޤު އަޅާ ކިއުމަށް އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދޫކޮށްލާނަމެވެ. މިއަދު އަތްޖަހާ އުފާ ކުރާ ބަޔަކު އެކަން އެކުރަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހަމައެއް ލަމައެއް އިންސާފެއްނެތި ތިބުނު އަނިޔާތައް ތަޙައްމަލު ކުރި ބައެއްގެ ހައިސިއްޔަތުންނެވެ. އެހިނިތުންވުންތަކުގައި ފޮރުވިފައިވާ އެތައް ވާހަކައެއް ވެއެވެ.

އެމީހުން އިއްޔެ ތިބީ ރޮއެ ހިތާމަ ކުރާށެވެ. ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. އިއްޔެ ހޭން ތިބި މީހުން މިއަދު ރޮއްވާލައިފިއެވެ. މިއަދު ހޭން ތިބި މީހުންނަށްވެސް މާދަމާ ވާނެއެއްޗެއް ނޭނގޭނެއެވެ. މިއީ ޢިބްރަތުން ފުރިގެންވާ ދުވަހެކެވެ.