ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގައި މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ. އެގޮތުން މިއަދު މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ ވަކި ކުރުމުގެ މައްސަލަ ލިބިފައިވާ ކަމަށެވެ. އަދި މާދަމާގެ މަޖިލިސް ޖަލްސާގައި ރިޔާސަތުން އެކަން އިއުލާން ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މާދަމާ މި މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއިރު މާދަމާ މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވާނެއެވެ. އަދި ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އާއިމެދު ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.
ގާނޫނު ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
ސުޕްރީމްކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މަގާމުން ވަކިކޮށްފިނަމަ ސުޕްރީމްކޯޓުގައި ކުރީގައި ތިއްބެވި އެއްވެސް ފަނޑިޔާރަކު ނުތިއްބަވާނެ އެވެ.