English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

ހައި ކޯޓުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް މަޑުޖައްސާލަން ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

ގުޅީފަޅު ހިއްކުމުގެ ސަބަބުން އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް ގެއްލުންވާތީ އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.

ސުޕްރީމް ކޯޓުން މިއަދު ބެލީ، ހައި ކޯޓުން ވަގުތީ އަމުރު ނެރުއްވި އުސޫލު ރަނގަޅުތޯ އެކަންޏެވެ. މައުޟޫއީ މައްސަލައަކަށް ނުބަލައެވެ.

ހައި ކޯޓުން އެ އަމުރު ނެރުނުއިރު، މަޝްރޫއު މަޑުޖެހްސުމުން ދައުލަތަށް ލިބޭ މާލީ ގެއްލުމަށް ރިއާޔަތްކޮށްފައި ނުވާކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރިއެވެ. މަޝްރޫއު މަސްދުވަހަށް ހުއްޓާލުމުން 11 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބޭނެ އެވެ.

ގުޅީފަޅު ހިއްކުމަށް 53 މިލިއަން ޑޮލަރަށް ބިޑަކާ ނުލާ ހަވާލުކުރީ ނެދަލޭންޑްސްގެ ބޮސްކާލިސްއާ އެވެ.

ހިއްކުމުގެ މަޝްރޫއުގެ ދަށުން 192 ހެކްޓަރުގެ ބިން ދެ ފިޔަވަހިއަކަށް ހިއްކުމަށް ނިންމައިފައިވާކަން ސަރުކާރުން ވަނީ ކުރިންވެސް ބުނެފަ އެވެ.

ގުޅީފަޅު ހިއްކަން ފެށީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ގުޅީފަޅުން 27 ހެކްޓަރު ހިއްކި އެވެ. ނަމަވެސް، ދެން އައި ސަރުކާރުން އެ މަސައްކަތް މެދުކަނޑާލި އެވެ. އެއަށްފަހު އަނެއްކާވެސް ގުޅީފަޅު ހިއްކަން ފެށީ ރައީސް އިބްރާހިމް މުހަމަދު ސޯލިހިގެ ވެރިކަމުގެ ފަހުކޮޅުއެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމުނުއިރުވެސް ހިއްކައެއް ނުނިމުނެވެ. އެންމެފަހުން ގުޅީފަޅު ހިއްކައި ނިންމީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހުއެވެ.