English Edition
Dhivehi Edition
ފާދިރީންގެ ޝިކާރައަކަށްވި ކުދިންގެ އާއިލާތަކާއި މުޒާހަރާކުރި ފަރާތްތައް ކޯޓުގައި އުފާ ފާޅުކުރަނީ - ފޮޓޯ: ރޮއިޓާސް

ޗާޗް ސްކޫލެއްގައި ބީރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ، ދެ ރޯމަން ކެތޮލިކް ފާދިރީން 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް އާޖެންޓީނާގެ ކޯޓަކުން ޙުކުމްކޮށްފި އެވެ.

2004 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު މެންޑޯޒާ ޕްރޮވިންސްގެ އެ ސްކޫލްގައި ކުޑަކުދިންނަށް ގޯނާކޮށް ރޭޕްކުރިކަން ސާބިތުވެފައި ވަނީ ހޮރޭޝިއޯ ކޮރްބާޗޯ އާއި ނިކޮލާ ކޮރާޑީ އަދި ބަގީޗާ ބަލަހައްޓާ މީހަކަށެވެ.

ހޯމަ ދުވަހު އެ މައްސަލައިގެ ޙުކުމްކުރިތަން ބަލަން އެމީހުންގެ ޝިކާރައަކަށްވި އެތައް ބަޔަކު ވަނީ ގޮސްފަ އެވެ.

މި މައްސަލަ ވަނީ އާޖެންޓީނާގެ ރައްޔިތުން ސިއްސުވާލައިފަ އެވެ. ގިނަ މީހުން ބުނާ ގޮތުގައި މި މައްސަލައިގައި ޗާޗުން ފިޔަވަޅު އަޅާފައިވަނީ މާ ލަހުން ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ގިނަ ތުހުމަތުތަކެއް އެ ޗާޗަށް ވަނީ ކުރިމަތިވެފަ އެވެ.

ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި މެންޑޯޒާގެ ކޯޓުން ވަނީ އާޖެންޓީނާގެ ފާދިރީ ކަމުގައިވާ އުމުރުން 59 އަހަރުގެ ކޮރްބާޗޯ އަށް 45 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފަ އެވެ. އޭނާގެ މައްޗަށް ވަނީ ލުހާން ދެ ކުޔޯ ސިޓީގެ އިންސްޓިޓިއުޓޯ އެންޓޯނިއޯ ޕްރޮވޯލޯ ދި މެންޑޯޒާގެ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށް ސާބިތުވެފަ އެވެ.

އަދި އިޓަލީގެ ރައްޔިތެއް ކަމުގައިވާ އުމުރުން 83 އަހަރުގެ ކޮރާޑީ އަށް އިއްވާފައި ވަނީ 42 އަހަރުގެ ޖަލު ޙުކުމެކެވެ. 1970ގެ އަހަރުތަކުގައި އިޓަލީގެ ވެރޯނާގެ ސްކޫލެއްގައި ކުދިންތަކަކަށް ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާ ތަޙުޤީޤުކޮށްފައިވީ ނަމަވެސް، އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ.

އަދި ލުހާން ދި ކުޔޯގެ ބަގީޗަ ބަލަހައްޓާ މީހާ ކަމުގައިވާ އާމެންޑޯ ގޯމެޒް އަށް އިއްވާފައިވަނީ 19 އަހަރުގެ ޖަލު ޙުކުމެކެވެ.

މީގެއިން އެއްވެސް ޙުކުމެއް ކޯޓުގައި އެޕީލް ނުކުރެވޭނެ އެވެ.