ކޮންމެ ފިރިހެނަކަށް ވެސް ބަފައަކަށް ވެވިދާނެއެވެ. ހަޔާތެއް ބިނާކުރެވިދާނެއެވެ. އެހެން ނަމަވެސް އެ ދިރިއުޅުމުގެ މަގުސަދާއި ބައްޓަން އަދި ލޯބި މިއީ ވަކި ހާއްސަ މީހަކަށް ހޯދަދެވޭނެ އެއްޗެކެވެ.
ބުނަން މިއުޅޭ އެއްޗަކީ ބަފައިންނަކީ ހަމައެކަނި އަނބިދަރިންނަށް ހަރަދު ކުރަންތިބޭ ބަޔަކު ކަމުގައި ވެގެން ނުވާނެކަމެވެ. ނުވަތަ އަހަރަކު 2 ފަހަރު ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް އަނބިދަރިން ގޮވައިގެންދާ ބައެއް ކަމަށް ވެގެން އަދި ބަފައެއްގެ ޒިންމާ އުފުލުނީ އެއްނޫނެވެ.
ހަގީގީ ބަފައިންނަކީ އެމީހުންގެ އާއިލާ ދުރުނުކޮށް ހަޔާތުގައި ނޫނީ ދިރިއުޅުމުގައި ދިމާވާ ހުރިހާކަމެއް ދަރިންނާއި އަނބިމީހާ ކައިރީ ހިއްސާކުރާމީހުންނެވެ. އަދި ދިމާވާ އެއްވެސް ކަމެއްގައި ފަސްނުޖެހި އާއިލާ އަށް އެންމެ ބޮޑުއިސްކަމެއްދޭ ބަފައިންނަކީ ހަގީގީ ބަފައިންނެވެ. ވަރުބަލިކަމާއެކީ ވެސް އަނބިދަރިންނަށް ވަގުތުދިނުމަކީ ބަފައިންގެ މައްޗަށް ވާޖިބްކަމެކެވެ. އަދި އާއިލާގެ ހައްގުގައި ވެވެން އޮތް ކޮންމެ ގުރުބާނީ އެއްވުމަށް ތައްޔާރަށް ތިބޭނީ ވެސް ހަގީގީބަފައިންނެވެ.
ނަމޫނާ ބަފައަކަށް ވުމަށް އަނބިމީހާއާއި ދަރިންނަށް ކަމޭހިތާ މީހަކަށް ވާންޖެހެއެވެ. ހާއްސަކޮށް ދަރިންގެ ކުރިމަތީގައިޔާއި ނިވަލުގައި ބަފައިން ނަމޫނާ ބަޔަކަށް ވުންވަރަށް މުހިންމެވެ. ހަގީގީ ބަފައިންނަކީ އަނބިމީހާއަށާއި ދަރިންނަށް ދޮގުނަހަދާ ތެދުވެރިންކަމުގައިވާންޖެހެއެވެ. އަދި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް އަބަދުވެސް ނަސޭހަތްދީ އާއިލީ ގުޅުން ވަރުގަދަ ކުރުމަށް ނަސޭހަތް ތެރިވާ ބަފައިންނަކީ ވެސް ހަގީގީ ބަފައިންނެވެ. ހަގީގީ ބަފައިން ނަކީ ދަރިންނަށް އަމިއްލަ ފައިމައްޗަށް ތެދުވެ މަސައްކަތް ކުރުމަށް ހިތްވަރުދޭ މީހުންނެވެ. ހަގީގީ ބަފައިންނަކީ ދަރިންނަށާއި އަނބިންނަށް ތެދުމަގު ދައްކުވައިދޭން މަސައްކަތް ކުރާބަފައިންނެވެ.
ރަނގަޅު ނަމޫނާ ބަފަޔަކު ނަމަ އޭނަގެ އެންމެ ފުރަތަމަ ޒިންމާ އަކަށްވާނީ އާއިލާއެވެ. އަދި އަނބިދަރިންގެ އެންމެހައި ބޭނުންތައް އެނގޭ މީހަކަށް ވާންވާނެއެވެ. ހަގީގީ ބަފަޔަކުނަމަ އޭނަގެ އަނބިދަރިން އެއްވެސް ހާލެއްގައި ނިކަމެތި ވުމަށް ނޭދޭނެއެވެ. ހަގީގީ ބަފައެއްގެ ގައިގައި ހުންނާނެ އެންމެ މުހިންމު އެއްސިފައަކަށްވާންވާނީ ދަރިންނާއި އަނބިމީހާ އާދިމާލަށް ހުތުރު އަދި ހިތްދަތިވާފަދަ ބަސްބުނާމީހަކަށް ނުވުމެވެ. ކޮންމެ އިންސާނަކީވެސް ރުޅިއަންނާނެ މީހެކެވެ. ނަމަވެސް ހަގީގީ ބައްޕައެއްނަމަ ރުޅިކޮންޓްރޯލް ކޮށް އާއިލާ އަށް އިހްތިރާމް ކުރާނެއެވެ.
ހަގީގީ ބަފައެއްނަމަ އޭނަގެ ދަރިން ނަށް މީހުންކައިރީ ތިމަންނަގެ ޕައްޕައަކީ ތިމަންނަގެ ރޯލްމޮޑެލް ކަމަށް ބުނެވޭ ވަރުވެވެން ޖެހޭނެއެވެ.