13 އަހަރުގެ ކުޑަ އަންހެން ކުއްޖާ އެއްވެސް ފަރާތަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާކަން އެނގެން ނެތް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޒަޚަމްކޮށްލުމަށްފަހު މޫދަށް އެއްލާލި އިސްމާއިލް ހައްމާދު، ފެހިއަލި/ރ. މަޑުއްވަރީ އަކީ ޤާނޫނާއި ޚިލާފަށް ކުޑަކުއްޖަކާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ.
އެ މައްސަލަ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ އިން ވެސް މިހާރު ބަލަމުން އަންނައިރު، ފުލުހުންނާއި ޖެންޑަރ އިން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ޙައްޤުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މަޢުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި، އޭގެ ފަހުން ފުލުހުންނާއި ޖެންޑަރ އިން އެ މައްސަލަ ތަޙުޤީޤުކޮށް، ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ޙައްޤުން މަހުރޫމްވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި އެކަންކަން ހައްލުކޮށް، ކުދިންނަށް ފޯރުކޮށްދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
“މި މައްސަލައާ ގުޅިގެން މިހާތަނަށް ތަޙްޤީޤަށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާ މި މައްސަލާގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގޭކަށް ނެތެވެ.”، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އެ މައްސަލައަކީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށާއި، އެފަދަ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތުގެ މަޢުލޫމާތު އާންމުކުރުމުގައި އެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ޙައްޤުތަކާއި މަސްލަޙަތަށް ރިޢާޔަތް ކުރުމަށްވެސް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އިސްލާމް ދީނުގެ ނަމުގައި ހައްދުފަހަނައަޅައި ދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެންދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށާއި، އެފަދަ މައްސަލަތަކުގެ ޝިކާރައަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތަކުގެ ހިމެނޭ ފަރާތްތަކަށް އަޅަންވާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.