އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން “ދިހި” ފަށައިފިއެވެ. މިއީ 2017 މެއި 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި އިންތިޚާބަށް އަމާން މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުން ހިންގާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު މެންދުރުފަހު ބްރިީފިންގއެއް ބާއްވާފައިވާއިރު މި ބްރީފިންގގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި އޮޕަރޭޝަން ކޮމާންޑަރ އަދި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަމްދޫން ރަޝީދު އާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އިސްވެރިންނާއި އެކޮމާންޑްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ނޯތު ޕޮލިސް ޑިވިޜަނާއި ސައުތު ޕޮލިސް ޑިވިޜަނުގެ ވެރިންނާއި އޮޕަރޭޝަނުގެ ކޮމާންޑަރުންނާއި އޮޕަރޭޝަނުގައި މާލެ ހިމެނޭ ސަރަޙައްދުގައި ހަރަކާތްތެރިވާ ފުލުހުން ބައިވެރިވެފައިވެއެވެ. އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަތޮޅުތެރޭގައި ހަރަކާތްތެރިވާ ފުލުހުން މިހާރުވަނީ ވޯޓު ފޮށި ބަހައްޓާ ރަށްރަށަށް ފޮނުވާފައެވެ. އަދި ރަށްރަށް ގެންދަންޖެހޭ ވޯޓު ކަރުދާހާއި ވޯޓުފޮށިތައް އެރަށްރަށްވަނީ ގެންދެވިފައި ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބެއްގެ އާއްމު ހާލަތު ރަނގަޅުކަމަށް ފުލުހުން ހާމަކުރައްވައެވެ. އިންތިޚާބާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހަރަކާތްތެރިވާ ކޮމާންޑަރުންނާއި އޮޕަރޭޝަން ކޮމާންޑަރ އަދި ސެންޓްރަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު ވަނީ މިރޭ 7:00 ގައި ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ އެކި ޑިޕާޓްމަންޓްގެ ވެރިންނާއި އޮޕަރޭޝަން “ދިހި” ގައި ކޮމާންޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.