English Edition
Dhivehi Edition

ގިނަ މީހުން ބުނާތީ އަޑުއިވެއެވެ. ވެރިރަށް މާލެ ފުނިޖެހިފައި އޮތީ އައްޑޫގެ މުއްސަނދި ވިޔަފާރިވެރިންގެ ފިހާރަތަކުންނެވެ. މާލޭގެ ކޮންމެ ދިމާއަކަށް ބަލާލި ކަމުގައި ވިޔަސް ފެންނަނީ އައްޑޫ މީހުން ހިންގާ ފިހާރަތަކެވެ. ގެސްޓް ހޮޓާ ތަކެވެ. ރެސްޓޯރެންޓް ތަކެވެ. ރިސޯޓް ތަކެވެ. މި ހުރިހާ ވިޔަފާރިވެރިން އަމިއްލަ ރަށް ދޫކޮށް ވެރިރަށް މާލެ ތަރައްގީކުރުމުގެ ބަދަލުގައި އައްޑޫގައި އިންވެސްޓް ކޮށް އައްޑޫ ކުރިއަރުވަން މަސައްކަތް ކުރާނަމަ ރަނގަޅޭ ބުނާ އަޑު އިވެއެވެ.

އައްޑޫގައި ވިޔަފާރި ފަށައި ބޮޑު އިންވެސްޓެއްކޮށް، ކާމިޔާބު ކަމާއެކު އެ މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ގިނަ ވިޔަފާރިވެރިން ބުނާއަޑުވެސް އިވެއެވެ. ސަބަބަކަށް ވަނީ ތަނުގައި ދިރިއުޅޭ މީހުންގެ މަދުކަމެވެ. ރަށަށް އެހާވަރަށް ފައިސާ ނާރާކަމެވެ. މީހުންގެ އަތްމަތި ތިޔާގި ނޫންކަމެވެ. ނަމަވެސް މަޑުމަޑުން އައްޑޫގެ ބޮޑެތި ވިޔަފާރިތަކުން މާލެ ފިޔަވައި އައްޑޫގައި ވެސް އިތުރު ގޮފިތައް ހުޅުވައި ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރާތަން މަދުން ނަމަވެސް މިހާރު ދަނީ ފެންނަމުންނެވެ. ހަމަ މިއާއެކު ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް އަމިއްލަ ރަށުގައި މިފަދަ މަސައްކަތް ފަށައިގެން ކުރިއަށް ގެންގޮސް ކާމިޔާބާ ހަމައަށް ވާސިލުވެފައިވާ ފަރާތްތައް ވެސް މަދެއް ނޫނެވެ.

ސ. ފޭދޫ ރަށްދިރުވާގޭ ޙުސެއިން ރަޝީދު (ތްރީއެސް ހުސެއިން) އަކީ މިފަދަ ހިތްވަރުގަދަ ވިޔަފާރިވެރިއެކެވެ. ތަފާތު ރިސޯޓުތަކުގައި މަތީ މަގާމުތަކުގައި މަސައްކަތް ކުރަމުން އައި ޙުސެއިން އެމަސައްކަތް ދޫކޮށް އަމިއްލަ ރަށަށް ބަދަލުވީ ކުޑައިރުއްސުރެ ދެކެމުން ދިޔަ ހުވަފެން ސީދާވޭތޯ މަސައްކަތް ކުރުމުގެ އަޒުމުގައެވެ. އަމިއްލަ އާއިލާއާއި ވެސް ދެކޮޅަށް ރިސޯޓް ވަޒީފާ ދޫކޮށް ރަށަށް ބަދަލުވެ އާދައިގެ ގޮތަކަށް ވިޔަފާރި ފެށީ އަމިއްލަ ރަށަށް ޚިދުމަތެއް ކޮށްދިނުމުގެ ނިޔަތުގައެވެ. އަމިއްލަ އަތޮޅު ތަރައްގީވާތަން ދެކޭހިތްވާލެއް ބޮޑުކަމުން އެފަދަ ކަމަކަށް ހުސެއިންގެ ހިއްސާވެސް ދެވޭތޯއެވެ.

“އޭރު އެންމެން ވެސް ބުނަމުން ދިޔައީ ތިޔައީ ވަރަށް މޮޔަ ވިސްނުމެކޭ. ރިސޯޓުން ރަނގަޅު ވަޒީފާ ލިބި އަނބިދަރިން މާލޭގައި އުޅެވޭނެ ގޮތް ހަމަޖެހި ހުރިހާ ތަނަވަސް ކަމެއް އޮވެމެ އެއްވެސް ޔަގީން ކަމެއްނެތް މަސައްކަތެއްގައި ރަށަށް ބަދަލު ވުމަކީ ބުއްދިވެރި ކަމެއް ނޫނޭ އެންމެން ބުނީ. އަދި އައްޑޫގައި ކާމިޔާބު ވިޔަފާރިއެއް ފެށިދާނެ ކަމާމެދު އެންމެން ވެސް ސުވާލު އުފެއްދި. އެކަމަކު ބޭނުންވީ ގެއްލުން ވިޔަސް ހެޔޮ ކަމަށް މަސައްކަތް ފަށަން.” ޙުސެއިން ކިޔައިދިނެވެ.

ސްކޫލް ދައުރު ނިންމާލުމަށްފަހު ޓޫރިޒަމް ދާއިރާގައި ފްރޮންޓް އޮފީހުން ފެށި މަސައްކަތް ފަހުން އެޗްއާރަށް ބަދަލުވެ ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓްތަކުގައި އެޗްއާރު ޑައިރެކްޓަރެއްގެ ވަޒީފާ ޙުސައިން ވަނީ އަދާކޮށްފައެވެ.

“އެޗްއާރުގައި މަސައްކަތް ކުރި ދުވަސްވަރު ރިސޯޓަށް މުވައްޒަފުން ރެކްރޫޓް ކުރުމަށް އައްޑޫއަށް ބައެއްފަހަރު އަންނަން. އެގޮތަށް އައިސް ހުރި ދަތުރެއްގައި ރައްޓެއްސަކާއެކު ކުރެވުނު މަޝްވަރާއެއްގައި ކުޑަ އިންވެސްޓްމަންޓަކުން ރަށުގައި ކޮންމެވެސް މަސައްކަތެއް ފަށަން ވާހަކަ ދެކެވުނީ. އޭރު ޝަންގްރިއްލާ ރިސޯޓް ހަދަމުން ދިޔަ ދުވަސްވަރު. އެހެންވެ ކޮންސްޓްރަކްޝަން ދާއިރާއާއި ދިމާއަށް ފުރަތަމަ ދިޔައީ” ހުސައިންގެ ވިޔަފާރި އައްޑޫގައި ފެށިގެން އައި ގޮތް ކިޔައިދިނެވެ.

ރިސޯޓުގެ ވަޒީފާ ދޫކޮށް ގެއްލުން ވިޔަސް ހެޔޮކަމަށް “ރިސްކު” ނަގައިގެން ވިޔަފާރި ކުންފުންޏެއް ރަޖިސްޓްރީކޮށް 2005 ވަނަ އަހަރު ކުޑަ ގޮތަކަށް ޙުސައިން ވިޔަފާރި ފެށުމުން ގިނަ ބަޔަކަށް އެކަން ޖޯކަކަށް ވިއެވެ. ރިސޯޓުން ލިބެމުން ދިޔަ ބޮޑު މުސާރައާއި އިނާޔަތްތައް ދޫކޮށް އެފަދަ “މޮޔަ” ކަމެއް ކުރަން ފެށީތީއެވެ.

“ފުޑް އެންޑް ކޮސްމެޓިކް ވިޔަފާރިއަކީ އޭރު ވިސްނުމުގައި އޮތް ކަމެއް ނޫން. އެކަމަކު ޝަންގްރިއްލާގައި އޭރު ވަރަށް ގިނަ ޔޫރަޕް މީހުން ވެސް ތިބުމާއެކު އެމީހުންނަށް ބޭނުންވާ ހައިސްޓޭންޑާރޑް އެއްޗެތި އައްޑޫން ލިބުން އުނދަގޫވުމުން ކޮންމެ ފަހަރަކު އެތަކެތި ލިސްޓްކޮށްގެން ފެންޓަސީން ގަނެގެން ގޭގައި ބަހައްޓައިގެން ވިއްކަން ފެށީ. އެގޮތަށް ގޮސް މަޑުމަޑުން ވިޔަފާރީގެ ތެރެއަށް ވަދެވި 3 އެސް ގެ ނަމުގައި ފުރަތަމަ މާޓް ހުޅުވީ”

ފޭދޫ ބަނދަރު ސަރަހައްދުގައި ހުޅުވި ތްރީއެސް މާޓް ވެގެން ދިޔައީ އައްޑޫގައި ތަފާތު ސްޓައިލް އަކަށް ފެންވަރު ރަނގަޅު ޕްރޮޑަކްޓްސް އާއި އެކު ޒަމާނީ ފެންވަރަށް ފެށި ފުރަތަމަ މާޓަށެވެ. ތަފާތު އެކި ނަން ނަމުގެ ޕްރޮމޯޝަން ތަކާއެކު ކުރިއަށް ގެންދިޔަ ތްރީ އެސް އައްޑޫގެ ހުރިހާ ރަށަކަށް މަޝްހޫރުވެގެންދިޔައެވެ.

“މާގިނަ ދުވަސްތަކެއް ނުވެ ސްރީލަންކަން އެއާލައިންގެ ދަތުރުތައް އައްޑޫއަށް ފެށީ. އަބަދުވެސް ކުރަން އެންމެ ބޭނުންވާ ކަމަށްވީ އައްޑޫގައި ފެންވަރު ރަނގަޅު ގެސްޓް ހައުސް އެއް ހެދުން. ނަމަވެސް އައްޑޫގައި އޭރުވެސް ތިބި މަދު ގެސްޓްހައުސްތައް ހިންގަމުން ދިޔައީ ހަމަ ބޮޑު ލޮސްއެއްގައި. އެހެންވެ ގާތް ރަޙްމަތްތެރިން ވެސް ބުނަމުން ދިޔައީ އެމަސައްކަތް ފެށުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް. އެކަމަކު ވެސް ގެސްޓް ހައުސް ވިޔަފާރިއަކީ ދުރު މުސްތަގުބަލަށް ބަލާއިރު އައްޑޫގެ ތަރައްގީއަށް މުހިއްމު އެއްޗެއްކަން ވިސްނޭތީ ގެއްލުން ވިޔަސް ހެޔޮ ކަމަށް އޭރު ހުރި ހުރިހާ ފައިސާއެއް އެކަމަށް އިންވެސްޓް ކުރީ”

ހުސައިން ބުނީ އޭނާގެ އެ މަސައްކަތުގައި އައްޑޫސިޓީ ކައުންސިލް އަދި އޭރުގެ މަޖިލިސް މެމްބަރު އިބްރާހިމް ދީދީގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މަރަދޫފޭދޫގައި 3އެސް ވޭވް ސައުންޑްގެ ނަމުގައި ފަތުރުވެރިންނާ ގުޅޭ ގޮތަށް ޒަމާނީ ފެންވަރުގެ ގެސްޓް ހައުސް އެއް ހަދައި އެތައް ދުވަހަކަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެން ދިޔަ ކަމަށެވެ.

“އޭރު ހިތަދޫގައި ވެސް ތްރީއެސް ގެ އިތުރު މާޓެއް ހުޅުވައި ޚިދުމަތް ދެމުން ދިޔައީ. ހަމަ އެއާއެކު ތަފާތު ކޮންސެޕްޓަކާއެކު އައްޑޫ ޑައިވް ގެ ނަމުގައި ޑައިވިން ސެންޓަރެއް ހުޅުވައި ތްރީއެސް ލައުންޖްގެ ނަމުގައި ރެސްޓޯރެންޓެއް ހުޅުވައި ފުޅާކޮށް ޚިދުމަތް ދޭން ފެށީ. އިރާދަ ކުރެއްވީތީ ކުރި އިންވެސްޓްމެންޓްގެ ފައިދާ އައްޑޫގެ ރައްޔިތުންނަށް ކުރަމުންދާނެ. ރިސްކު ނަގާފައި ނަމަވެސް ކުރެވުނު ކަންތައްތައް ކާމިޔާބު ވުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ” ޙުސައިން ކިޔައިދިނެވެ.

 

ހުސައިން އާއި ޝަރަފްޒާދު ސައީދު ހިއްސާވާ “ތްރީ އެސް މޯލްޑިވްސް” ކުންފުނިން މިހާރު އައްޑޫގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނައިރު އެންމެ ތްރީއެސްގެ ހުރިހާ ވިޔަފާރިއެއްވެސް އެހާމެ ކާމިޔާބެވެ. ވޭވް ސައުންޑް ގެސްޓް ހައުސް އަކީ އައްޑޫއަށް އަންނަ ގިނަ ފަތުރުވެރިން ތިބުމަށް ބޭނުންވާ ގުދުރަތީ ރީތިކަން ހާމަވާ ގޮތަށް ހަދާފައިވާ ހިތްގައިމު ގެސްޓްހައުސް އެކެވެ. އައްޑޫ ޑައިވް ސެންޓަރަކީ އައްޑޫގެ ކަނޑުއަޑީގެ ގުދުރަތީ ރީތިކަން ބަލާލަން ބޭނުންވާ ފަތުރުވެރިންނަށް ފެންވަރު ރަނގަޅު ގޮތުގައި ޚިދުމަތް ދެވޭ ސެންޓަރެކެވެ. ތްރީ އެސް މާޓަކީ ތަފާތު ވައްތަރުގެ ސާމާނު ހެޔޮ އަގުގައި ލިބެން ހުންނަ ބޮޑު މާޓެކެވެ. ވަކިން ޚާއްޞަކޮށް ފޭދޫ ބަނދަރު ސަރަހައްދުގައި ހުންނަ ތްރީއެސް މާޓާއި ތްރީއެސް ލައުންޖަކީ ރަށަށް އަރައި ފައިބާ ގިނަ ބަޔަކަށް ފަސޭހަ ކަމާއެކު ޚިދުމަތް ލިބޭ ތަންތަނެވެ.

ކުޑައިރުއްސުރެން ވެސް ވިޔަފާރިވެރިއަކަށް ވުމަށް ހުސައިން ކުރަމުން ދިޔަ އުއްމީދުތައް، ގިނަ ގޮންޖެހުންތަކަކާއެކު މިއަދު ހާސިލް ވެފައިވާއިރު ޙުސައިން ބުނީ އެންމެ އުފާވަނީ އެއްވެސް ކަހަލަ ވަސީލަތެއް ނެތް ތަނެއްގައި މަސައްކަތް ފަށައި ކުރިއަށް ދެވުމުގައި ކާމިޔާބު ކުރެވުނީތީ ކަމަށެވެ. އައްޑޫސިޓީއަށް ބޭނުންވަނީ މިފަދަ ހިތްވަރުގަދަ ޒުވާނުންނެވެ. ތަނެއް ތަރައްގީވެގެން އަންނާނީ އެ ތަނެއް ދެކެ ލޯބިވާ ޒުވާނުންތަކެއް އުފެދިގެންކަން ޔަގީނެވެ. ޙުސައިންގެ މަސައްކަތަށް އިތުރު ކާމިޔާބީއަށް އެދެމެވެ.