ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަނީ ބޭނުންވާ މިންވަރަށް އައްޑޫ ސިޓީ އަށް މުދާ އެތެރެ ނުކުރެވޭތީ ކަމަށް އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިޔާ، ހުސެއިން ރަޝީދު (3އެސް ހުސެއިން) ވިދާޅުވެއްޖެ އެވެ.
ހުސެއިން ވިދާޅުވީ އައްޑޫ އަށް ބޭނުންވާ މިންވަރަށް މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އެކަށީގެންވާ ކާގޯ ސްޕޭސް ނުލިބޭ ކަމަށެވެ. އެގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ވިޔަފާރިއަކަށްވެސް ހަފްތާއަކު ލިބެނީ 200 ކިލޯގްރާމްގެ ކާގޯ ސްޕޭސް ކަމަށް ހުސެއިން ވިދާޅުވި އެވެ.
މީގެ އިތުރުން ހުސެއިން ވިދާޅުވީ އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށާއި، ތަކުރާރުކޮށް އެދުމުންވެސް މުދާ ގެނެވޭކަމުގެ ކޮންފަމޭޝަން ގަޑިން ގަޑިއަކަށް ނުލިބޭ ކަމަށެވެ. އެގޮތުން ކޮންފަމޭޝަން ލިބެނީ ފްލައިޓްގެ ޑިޕާޗަރ ވަގުތުގެ 24 ގަޑިއިރު ކުރިން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން މާލެއިން މުދާ ސަޕްލައި ކުރާ ގިނަ ފިހާރަތައް ބަންދުކޮށްފައި ވުމާއެކު، މިއީ ވަރަށް ކުރު މުއްދަތެއްގެ ނޯޓިސްއެއް ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ލިބޭ ކުޑަ ވަގުތުކޮޅުގެ ތެރޭގައި ބޭނުންވާ މުދާ ގަނެ، ދަތުރުފަތުރުގެ ކަންތައްތައް ހަމަޖަސައްން ވަރަށް އުނދަގޫ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“މިގޮތަށް ކުރިއަށްދާނަމަ ޑްރައި ގުޑްސް އާއި ޓޮއިލެޓްރީސްފަދަ ޒަރޫރީ ތަކެތި ހުސްވެދާނެ”، ހުސެއިން ވިދާޅުވި އެވެ.
“މިއީ އާދައިގެ އިކޮނޮމިކްސް. ޑިމާންޑް އެއްވަރެއްގައި ހުރެ ސަޕްލައި މަދުވެއްޖެނަމަ އެތަން ފޫބެއްދުމަށް ބާޒާރުގައި ތަކެތީގެ އަގު އޮޓޮމެޓިކުން ބޮޑުވާނެ”، ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ކަންތައްތައް މިގޮތަށް ކުރިއަށްދަނީނަމަ، ވިޔަފާރިވެރިންނަށް ވިއްކާނެ އެއްވެސް މުދަލެއް ނެތި ވިޔަފާރިތައް ‘ލައިފް ސަޕޯޓް’ އަށް ލާން ޖެހިދާނެ ކަމަށެވެ.
އެހެންކަމުން އައްޑޫގެ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ ކައުންސިލާއި ކަމާބެހޭ އެހެނިހެން ފަރާތްތަކުން އައްޑޫގެ ވިޔަފާރިވެރިންނާއެކު އެއް މޭޒެއްގައި އިށީނދެ، މަޝްވަރާކޮށް، އައްޑޫގެ އިޤްތިޞާދު ސަލާމަތްކުރުމަށް ރަނގަޅު ޕްލޭނެއް ރާވައި ހެދުމަށް ހުސެއިން ވަނީ ގޮވާލައްވައިފަ އެވެ.