English Edition
Dhivehi Edition
އެމްޑީޕީ ލީޑަރޝިޕް އިންތިޚާބުގައި ރައީސް ސޯލިހު އާއި ރައީސް ނަޝީދު ވޯޓުލައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ ނިއުސް)

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި އެވެ.

މިއަދު މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާއި ހަމައަށް މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދާއިރު، އިންތިޚާބުގައި އެމްޑީޕީއަށް ނިސްބަތްވާ ޖުމްލަ 87،439 މެންބަރުންނަށް ވޯޓުލެވެއެވެ.

މި އިންތިޚާބުގައި މާލޭގައި ދިރިއުޅޭ އައްޑޫއާއި ފުވައްމުލަކަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ވޯޓްލުމަށް ވޯޓްފޮށި ހުންނާނީ އެމްޑީޕީގެ މައި ހަރުގޭގަ އެވެ. އެެހެން ހުރިހާ ވޯޓް ފޮށްޓެއް ހުންނާނީ އިސްކަންދަރު ސުކޫލް ހޯލުގަ އެވެ. ހުޅުމާލޭގައި ވޯޓްފޮށި ހުންނާނީ ގާޒީ ސުކޫލްގައި ކަމަށްވާއިރު، ވިލިމާލޭގެ ވޯޓު ފޮށި ހުންނާނީ އެމްޑީޕީގެ ހަރުގޭގަ އެވެ. އަދި ސްރީލަންކާގައި ވެސް މިފަހަރު ވޯޓް ފޮށްޓެއް ހުންނާނެ އެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބުގައި 2019 ގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދަކީ ކުރިންވެސް އެޕާޓީގެ ރައީސެވެ.

ނައިބު ރައީސް ކަމަށް، ކުރިމަތިލައްވަނީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެމެންބަރު މުހައްމަދު އަސްލަމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މިހާތަނަށް ވޯޓުލެއްވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ހިމެނިވަޑައިގަންނަވަ އެވެ.