English Edition
Dhivehi Edition

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރަން ފަށާފައިވާ ލޯނުތަކާއެކު ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތައް އިތުރުވެ އިޤްތިސާދަށް އޭގެ ހެޔޮ އަސަރު ކުރިއަށްކުރާތަން ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިޞާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމުގެ ބޭނުމުގައި ކުރިއަށްގެންދާ “ފަންނު އެކްސްޕޯ” ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތައް، ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާ، އޭގެ ތެރެއިން އެއް ގޮންޖެހުމަކީ އެފަދަ ވިޔަފާރީތައް ހިންގަން ލޯނު ދޫކުރަން ބައެއް ފަރާތްތަކުން ފަސްޖެހުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ޤާއިމުކޮށް ލުއި ލޯނު ދޫކުރަން ފެށީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކަށްފަހު މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.
“މިފަދަ މައުރަޒުތައް ބާއްވައިގެން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރަނގަޅު މާކެޓެއް ހޯދައިދެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑަށް ފައިދާކުރާނެ . މިފަދަ މައުރަޒުތަކުން ރާއްޖޭގައި ތިބި ހުނަރުވެރި މަސައްކަތްތެރީންގެ މަސައްކަތްތައް، އާންމުކޮށް އެއް ތަނަކުން ފެނި، އެފަދަ އުފެއްދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެ” ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ގާތްގަނޑަކަށް 93 އިންސައްތައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބާވަތުގެ ވިޔަފާރިތައް، ރާއްޖޭގެ އިޤްތިޞާދުގައި އެކަށީގެންވާ ގޮތެއްގައި، އަދިވެސް ޝާމިލް ނުކުރެވޭކަން ފާހަގަކުރެވޭ ކަމަށެވެ. ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވުރެ، ރަޖިސްޓްރީ ނުކޮށް ހިންގާ އެ ބާވަތުގެ ވިޔަފާރިތައް މާގިނަކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކުގެ އޮނިގަނޑު ހަރުދަނާކޮށް ކުރުމަށް އެ ފަދަ ވިޔަފާރީތަކުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދަވާ ކަމަށާއި އެ މަސައްކަތުގެ ތެރެއިން 2020 ވަނަ އަހަރުގެ ތެރޭގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ކުރިއަށް އޮތް ބަޖެޓް ވަނީ ހިމަނާފައިކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެކްސްޕޯ “ފަންނު އެކްސްޕޯ 2019” ނޮވެމްބަރު 22 އިން 28ގެ ނިޔަލަށް ދަރުބާރުގޭގެ އިތުރުން ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްދާއިރު، މި އެކްސްޕޯގައި 300 އަށް ވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެ 3800 އަށް ވުރެ ގިނަ އުފެއްދުން ހުށަހަޅާފައެވެ.