ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު އެކްސްޕޯ “ފަންނު އެކްސްޕޯ 2019” ފަށައިިފިއެވެ. މިމަހުގެ 22 އިން 28 އަށް ދަރުބާރުގޭގައި ކުރިޔަށްގެންދާ މިއެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ފަންނު އެކްސްޕޯއަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށް ނެރެ، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީން ބާއްވާ އެކްސްޕޯއެކެވެ. 78 ކެޓަގަރީއެއް ހިމެނޭ މި އެކްސްޕޯގައި އަމިއްލަ ފަރުދުންނާއި، ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާއާއި، ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް) އަދި ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދާއިރާ އަދި ކްލަބް ޖަމިއްޔާ ހިމެނެއެވެ.
ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާދަކުރުމުގެ ބައިން އެކިއެކި ވަނަތަށް ހޯދި ފަރާތްތަކަށް ވަނީ އިނާމުދީފައެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ މުޅި އެކްސްޕޯއިން އެންމެ މޮޅު 5 ފަރާތެއް ހޮވައި ރަންވަނަ އެވޯޑް ދިނުމެވެ. ރަންވަނައަށް ހޮވުނު 5 ފަރާތަކީ އައިމިނަތު ހުޝާމަތު، އަބްދުލް އަޒީޒް އަބްދުލް ރަހީމް، އައިމިނަތު މަނިކެ، ޝެހެނާޒް އަޙްމަދު ރިޒާ އަދި މުއިއްޒު ޝަފީއުއެވެ.
ފަންނު އެކްސްޕޯގައި 6 ދާއިރާ މައިގަނޑު 14 ގިންތިއަކަށް ބަހާލާފައިވާއިރު، މުޅި ޖުމްލަ 78 ގިންތިން ވާދަކުރުމުގެ ފުރުސަތު ހުޅުވާލިއެވެ. މިދާއިރާތަކުން 1ވަނަ 2ވަނަ އަދި 3ވަނައަށް ހޮވުނު ފަރާތްތަކަށް ވަނީ މި ރަސްމިއްޔާތުގައި އިނާމު ހަވާލުކޮށްފައެވެ.
މި އަހަރުގެ ފަންނު އެކްސްޕޯގައި ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ތަކެތި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އާ މެޝިނަރީޒް އާއި ރޮބޮޓިކްސް ފަދަ އުފެއްދުންތަކާއި އެޕްލިކޭޝަންތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
ފަންނު އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުންތަކުގެ ތެރެއިން ހޮވާލެވޭ ފަސް އުފެއްދުމަކަށް ހާއްސަ އެހީތަކެއް ލިބޭނެއެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހަދާ ދިވެހި އުފެއްދުންތައް ވިއްކާ ފިހާރާގައި މި އުފެއްދުންތައް ޑިސްޕްލޭ ކުރެވޭނެއެވެ. އަދި ދުބާއީގައި އޮންނަ ހަމަސް ދުވަހަށް ދެމިގެންދާ “އެކްސްޕޯ 2020” ގައި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން އެކްސްޕޯގައި ބައިވެރިކޮށްފައިވާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ފުރިހަމަ ފަސް ހުށަހެޅުމެއް ހޮވައި އޭގެ ތެރެއިން ކޮންމެ ފަރާތަކަށް އެފަރާތުގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި އެއް މިލިއަން ރުފިޔާގެ ލޯނެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެންމެ ފުރިހަމަ ފަސް ހުށަހެޅުމަށް ޖުމްލަ ފަސް މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ފައިނޭންސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށެވެ.
ފަންނު އެކްސްޕޯގައި 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އެކްސްޕޯއަށް 3800 އަށްވުރެ ގިނަ އުފެއްދުން ވަނީ ހުށައަޅާފައެވެ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯގައި މިފަހަރު ތަކެތި ދައްކާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތަަަަކުން ލިބޭ، އަތޮޅުތަކަށް ހާއްސަ ތަކެތި އެއްތަނަކުން ލިބޭނެ ގޮތަކަށެވެ. މި ގޮތަށް ތަކެތި ދައްކާލުމުގެ ބޭނުމަކީ ތަކެތި ގަންނަން އަންނަ ފަރާތްތަކަށް ހާއްސަކޮށް، ފަތުރުވެރިންނަށް އެ ތަކެތި ލިބޭނެ ތަންތަނާއި ރާއްޖޭގެ އަތޮޅުތައް ފަސޭހައިން އެނގޭނެ ގޮތް ހެދުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.