ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު”ފަންނު އެކްސްޕޯ 2019″ އަށް ރޭ ޒިޔާރަތްކުރައްވައި މައުރަޒު ބައްލަވާލައްވައިފިއެވެ.
ފަންނު އެކްސްޕޯއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކުރައްވައިގެން މިމަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި، ކަލާފާނު ސްކޫލް އަދި ކުޑަކުދިންގެ ބަގީޗާގައި ކުރިޔަށްގެންދާ މައުރަޒެކެވެ.
މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ދިވެހި އުފެއްދުންތައް ފެންނާނޭ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ކުރިޔަށްގެންދާ މަޢުރަޒެކެވެ. މި މައުރަޒުގައި 350 ފަރާތަކުން 30،000 އުފެއްދުން ބައިވެރިކޮށްފައިވެއެވެ.
މި އަހަރުގެ ފަންނު އެކްސްޕޯގައި ޓެކްނޮލޮޖީގެ ދާއިރާއިން ވެސް ތަކެތި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އާ މެޝިނަރީޒް އާއި ރޮބޮޓިކްސް ފަދަ އުފެއްދުންތަކާއި އެޕްލިކޭޝަންތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.