English Edition
Dhivehi Edition
ނައިބު ރައީސް ފައިސަލް ނަަސީމް، ފަންނު އެކްސްޕޯ 2019 އިފްތިތާޙްކޮށްދެއްވަނީ - ފޮޓޯ: ރާއްޖެ އެމްވީ

މިމަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒު “ފަންނު އެކްސްޕޯ 2019” އަށް ދަރުބާރުގެ ހެދިފައިވާ ކޮންސެޕްޓާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން، އެ މަޢުރަޒުގެ އިވެންޓް މެނޭޖަރ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީ.ސީ.ސީ) އިން އިއުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ފަންނު އެކްސްޕޯ މިއަހަރު އޮންނާނީ ނޮވެމްބަރު މަހުގެ 22 އިން 28 އަށް ދަރުބާރުގޭގަ އާއި ކަލާފާނު ސްކޫލްގަ އެވެ.

މި މަޢުރަޒުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތައް މާކެޓަށްނެރެ އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ ދިވެހި އުފެއްދުންތައް ކުރިއެރުވުން ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ އާއްމުންނަށް އެއްތަނަކުން ދިވެހި އުފެއްދުންތައް ފެނިގެންދާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން އުވެމުން އަންނަ ދިވެހި އުފެއްދުންތަކާ މާކެޓަށް އަލަށް ނެރޭ އުފެއްދުންތައް ކުރިއެރުވުމަށް ހިއްވަރުދީ ދިވެހި މަސައްކަތްތެރިން ކުރިއެރުވުމަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށްވެސް އެމިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބީ.ސީ.ސީ އިން މިއަރު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަޢުރަޒަށް ދަރުބާރުގެ ހެދިފައިވާ ކޮންސެޕްޓާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، މި މަސައްކަތާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއް 4 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުގެ މެންދުރު 02:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައި އޮންނާނެ ކަމަށެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަނަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެ ކަމަށާއި، މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ކަމަށްވެސް ބީ.ސީ.ސީ އިން ބުނެއެވެ.

މި މަސައްކަތަށް ބީލަން ހުޅުވުން އޮންނާނީ 6 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ މެންދުރު 02:30 ގައި ބީ.ސީ.ސީ މީޓިންގ ރޫމްގައި ކަމަށާއި، ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި

ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ކުރިއަށްގެންދާ މައުރަޒުގައި 6 ދާއިރާއަކުން ބައިވެރިވެވޭނެއެވެ.

1- ވަކިވަކި ފަރުދުންގެ ދާއިރާ

2- ރަށު ފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ

3- ވިޔަފާރިތަކުގެ ދާއިރާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގައި ބަޔާންކުރާ ވިޔަފާރިތައް)

4- ތައުލީމުދޭ މަރުކަޒުތަކުގެ ދާއިރާ

5- ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ

6- ކްލަބު ޖަމިއްޔާ ތަކުގެ ދާއިރާ

ފަންނު އެކްސްޕޯގައި 76 ގިންތި އަކުން ބައިވެރި ވެވޭއިރު ކޮންމެ ގިންތިއަކުން 1 ވަނަ 2ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މައުރަޒުގައި ބައިވެރިކުރާ ތަކެތީގެ ތެރެއިން ކޮންމެ ގިންތި އަކުން ވެސް %85 މާކުސް ލިބޭ ތަކެތި، މުޅި މައުރަޒުގެ ރަންވަނަ އަށް ވާދަކުރެވެއެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރުން ކަނޑައަޅުއްވާ އެންމެ ރަނގަޅު 5 އުފެއްދުމަކަށް ރަންވަނަ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެންމެ މަތިން ލިބޭ 5 ފަރާތަކަށް ، އެސްއެމްއީ ބޭންކުން 1 މިލިއަން ރުފިޔާގެ ލުއި ލޯނުލިބޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.