English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ސުޕީރިއަރ ކޯޓްތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓަށް އެއް ފަނޑިޔާރަކު، އަދި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދަން ބޭނުންވާ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުމާއެކު އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން އަދި އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. އާއި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 15،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 3،300ރ. އެވެ.

އަދި ސިވިލް ކޯޓުގެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 46،650 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. އާއި ލިވިންގއެލަވަންސްގެ ގޮތުގައި ދޭ 15،000ރ. ގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ލިބޭ 1،650ރ. އެވެ.

މީގެ އިތުރުން ދެ ކޯޓުގެ ފަނޑިޔާރުންނަށްވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް ލިބިގެންދާނެ އެވެ.

ޖޭއެސްސީ އިން ކުރި އިއުލާނުގައިވާ ގޮތުން ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 02 ޑިސެމްބަރ 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހަޅަންވާނެ އެވެ.

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖޭއެސްސީ އިން އިއުލާންކޮށްފައިވާއިރު، މި ނޮވެމްބަރު މަހުގެ ކުރީކޮޅު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގައި ތިއްބެވި އަލްއުސްތާޛު ހާތިފް ޙިލްމީ އާއި އަލްއުސްތާޛު ޙުސައިން މަޒީދު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަހްމަދު ހައިލަމްވެސް ވަނީ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފަ އެވެ.