އެއްބަޔަކު ދެކޭ ގޮތުގައި އޭނާއަކީ ސްރީ ލަންކާގައި ދިގު ދެމިގެންއައި ނުރައްކާތެރި ދާޚިލީ ހަނގުރާމައަށް ނިމުން ގެނައުމުގެ މޭސްތިރިއެވެ. އަނެއް ބަޔަކު ޤަބޫލު ކުރާ ގޮތުގައި އިންސާނީ ޙައްޤުތައް ޙިމާޔަތް ކުރުމުގައި އޭނާއަކީ ތެދުވެރި އިޚްލާސްތެރިއެކެވެ. މިހުރިހާ ކަމަކާއެކުވެސް ހޮނިހިރު ދުވަހުގެ އިންތިޚާބަށް ފަހު ގޯޓާބޭ ރާޖަޕަކްސަ ވެރިކަމަށް އައުމަކީ އެތައް ބަޙުޘަކާއި ޝައްކެއްގެ ފެށުން ކަމަށް ޤަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ.
މިއީ ނަސްލީ ތަފާތު ކުރުން ބޮޑު ވެގެންދާނެ ކަމެއް ކަމަށް އެއްބަޔަކު ލަފާ ކުރާއިރު އަނެއްބަޔަކު ޤަބޫލު ކުރަނީ 250 މީހުންގެ ފުރާނަ ގެއްލިދިޔަ، އީސްޓަރ ސަންޑޭ ގެ ޙާދިސާ ފަދަ ނުރައްކާތަކުން އަރައިގަތުމަށް މިއީ ލިބުނު ހިތްވަރެއްކަމަށެވެ.
މިއާއެކު ދެން އެންމެ ބޮޑު ބަޙުޘެއް ކުރެވެމުން އަންނަނީ ކުރިއަށް އޮތް 5 އަހަރަކީ ވެސް ހަމަ ރާޖަޕަކްސަގެ 5 އަހަރުތޯ ކުރެވޭ ސުވާލުގެ ބަޙުޘެވެ. ގޯޓާބޭ އަކީ ސްރީ ލަންކާގެ އެންމެ ވަރުގަދަ އެއް ޢާއިލާގެ މެންބަރެކެވެ. އޭނާގެ ބައްޕާފުޅަކީ ކުރީގެ ޤާނޫނު ހަދާ މަޖްލީހުގެ މެންބަރެއްގެ އިތުރުން ކެބިނެޓް މިނިސްޓަރެކެވެ. އެއްބަނޑު އެއްބަފަ އެންމެ ބޮޑު ބޭބެ މަހިންދަ ރާޖަޕަކްސަ އަކީ 2 ފަހަރުމަތިން ސްރީލަންކާގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގޯޓާބޭގެ އިތުރު ބޭބެ އަކު ވަނީ ނިމިދިޔަ ވެރިކަމުގައި ނުފޫޒުގަދަ ދެ މަޤާމެއް އަދާކޮށްފައެވެ.
އެއްބަނޑު އެއްބަފާ 9 ބެއިންގެ ތެރެއިން ގޯޓާބޭ އަކީ 5 ވަނަ ބޭފުޅާއެވެ. 1949 ވަނަ އަހަރު އުފަންވި ގޯޓާބޭ ނިސްބަތްވަނީ ސްރީ ލަންކާގެ އެންމެ އާބާދީ ބޮޑު ސިންގަޅަ ޖަމާޢަތަށެވެ.
1971 ގައި ގޯޓާބޭ ވަނީ އެޤައުމުގެ މިލިޓަރީ އެކަޑަމީ އާއި ގުޅިވަޑައިގެން ފައެވެ. 20 އަހަރުވަންދެން ޢަސްކަރިއްޔާގެ ތަފާތު އެކި ރޭންކު ތަކުގައި އުޅުއްވަމުން ގިނަ އެވޯޑު ތަކެއް މިލިޓަރީ ދާއިރާއިން އޭނާ ޙާސިލް ކުރެއްވިއެވެ. 1988 ވަނަ އަހަރު ގޯޓާބޭ އާއި އޭނާގެ ޢާއިލާ އެމެރިކާއަށް ބަދަލުވެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ވެންނެވިއެވެ. 2005 ވަނަ އަހަރާއި ޖެހެންދެން އެޤައުމުގައި އުޅުއްވުމަށްފަހު އެނބުރި ޤައުމަށް ވަޑައިގެންނެވީ ބޭބެ މަހިންދައަށް ވެރިކަން ލިބިވަޑައިގަތުމުންނެވެ.
ބޭބެގެ ވެރިކަމުގެ ތެރޭ ގޯޓާބޭ އަށް ވަނީ ދެފަހަރެއްގެ މަތިން ޑިފެންސް ސެކްރެޓަރީގެ މަޤާމް ދެއްވާފައެވެ. ސްރީލަންކާގެ ތާރީޚުގައި ނަން ވިދާލާފަދަ ގިނަ ކަންތައްތަކެއް މިދުވަސްވަރު އޭނާވަނީ ކުރައްވާފައެވެ. އެދެބެއިން ވެގެން ހިންގެވި މިލިޓަރީ އޮޕަރޭޝަނަށްފަހު ވަނީ 25 އަހަރަށް ދިގުލައިގެންގޮސް 100،000އަށް ވުރެ ގިނަ މީހުންގެ ފުރާނަ ނެތިގޮސްފައިވާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސްފައެވެ. އެދުވަސް ވެފައިވަނީ އެޤައުމުގެ ގިނަ ރައްޔިތުން ފާހަގަ ކުރާ އުފާވެރި ދުވަހެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިއަދާ ޖެހެންދެންވެސް ގޮތްނޭނގޭ އެތައްކަމެއްގެ ޙަޤީޤަތްވަނީ ނޭނގުމެއްގެ ތެރޭގައެވެ.
އެހަނގުރާމައިގެ ފަހު މަރްޙަލާގައި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ ޢަދަދު އެތައް ސަތޭކައަށް އަރައެވެ. އެއެންމެންވަނީ އަނިޔާވެރިގޮތަކަށް މަރާލާފައިކަމަށް މުފައްކިރުން ލަފާކުރެއެވެ. ހަނގުރާމަ ނިމުނުކަން އިޢުލާން ކުރުމަށްފަހުވެސް ގެއްލޭ މީހުންގެ ޢަދަދަށް ހުއްޓުމެއް ނައިސް އެތައް ދުވަހެއް ދިޔައެވެ. ވިޔަފާރިވެރިންނާއި ނޫސްވެރިންނާއި އިދިކޮޅު ސިޔާސީ ކުށްވެރިން ހައްޔަރު ކުރުމަށްފަހު ދެންވާ އެއްޗެއް އެކަކަށްވެސް ނޭނގެއެވެ.
މިހުރިހާ ކަމަކާއެކުވެސް ޤައުމުގެ ސަލާމަތާއި މަސްލަޙަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ޤައުމު އަމާން ތަނަކަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރައްޔިތުން ބަލައިގަތްކަން މި އިންތިޚާބުގެ ނަތީޖާއިން އޭނާވަނީ ކަށަވަރުކޮށްދީފައެވެ. ” އަޅުގަނޑު ޔަޤީންކަން އަރުވަން ޙައްދުފަހަނައަޅާފައިވާ ޚާއިނުންނަކަށް މިޤައުމަކުން ދެނެއް ޖާގައެއްނޯންނާނެ. އެކަން އެވަނީ ނިމުމަކަށް ގެނެވިފައި.” އޭނާގެ ކެމްޕޭން ޙަރަކާތެއްގައި ވިދާޅުވިއެވެ. މިކަމަށް އިޝާރާތް ކުރައްވަމުން އޭނާ ވިދާޅުވީ މިޤައުމުގެ ސައްތައިން ސައްތަ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ހަމައެކަނި މީހަކީ އޭނާ ކަމަށެވެ.
ރައީސް ގޯޓާބޭގެ ގޯސް މައްސަލަތަކާ ގުޅިގެން ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވަނީ ހަނގުރާމައިގެ ޖަރީމާތަކާ ގުޅޭ ކަންކަން އެކަންޏެއް ނޫނެވެ. ނިމިދިޔަ އިލެކްޝަނާއި ގުޅިގެންވެސް ކިތައްމެ މައްސަލަތަކެއް ފެންމަތިވިއެވެ. ޑުއެލް ސިޓިޒެންޝިޕް އޮތް މީހެއްގެ ޙައިސިއްޔަތުން އުފެދުނު ޚިޔާލުތަފާތުތަކާ ގުޅިގެންވެސް ގިނަ ސުވާލުތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް އޭނާވަނީ އެމެރިކާގެ ރައްޔިތުކަން އޭނާ ދޫކޮށްފައިވާ ކަމަށްބުނެ އެވާހަކަތައް ހިންދާލާފައެވެ.
2016 ވަނަ އަހަރު ގޯޓާބޭ ވަނީ ކޮރަޕްޝަން ގެ މައްސަލަތަކެއްގައި ކޯޓުގައި ދަޢުވާ ކޮށްފައެވެ. އޭނާވަނީ އެ ދައުވާތަކަށް އިންކާރުކޮށްފައެވެ.
މިހާހިސާބުން ދެން އުފެދިގެން އަންނަނީ ޙަޤީޤީ ރައީސަކީ ކާކުތޯއެވެ. ދިރާސާ ކުރާ ފަރާތްތަކުން ދެކޭގޮތުގައި ގޯޓާބޭގެ ވެރިކަން ވެގެންދާނީ ރާޖަޕަކްސަގެ ޢާއިލީ ވެރިކަމަކަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނުލިބުނު މަހިންދަ އަލުން ވެރިކަމަށް އައުމަކީ ދާދި ގާތުގައިވާ ކަމެކެވެ. މީގެ ހެކި ވަރަށް ގާތުން ފެނިފައިވެއެވެ.ކެމްޕޭންގެ ތެރޭގައި ޢާއްމުންނާއި ބައްދަލު ކުރުމާއި ނޫސްވެރިންގެ ކޮންފަރެންސް ތަކުން އެންމެ ގިނައިން ފެނިގެން ދިޔަ އެކަކީ މަހިންދަ ރާޖަޕަކްސައެވެ.
ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީގެ ގޮތުގައި ހުރެގެން ، ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި ޙައްޤަށް ވަކާލާތު ކުރަމުންދިޔަ އެތައް ނޫސް ވެރިންނާއި އިދިކޮޅު ފަރާތްތައް ނިޒާމުން ގެއްލުވާލުމުގެ ނޭއްގާނީ ޢަމަލުގެ ތެރެއިން ވެސް، ގިނަ ބައެއްގެ ލޯތްބާއި ތާއީދާއެކު ސްރީ ލަންކާގެ އާރައީސްގެ ފަސް އަހަރުގެ ދައުރާއި ގޯޓާބޭ ޙަވާލުވެ ހިންގާ ވެރިކަމުގައި ގިނަ ފިއްތުންތަކެއް ކުރިމަތިވާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. ލަންކާގެ އެންމެ އާބާދީ މަދު މުސްލިމުންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅިގެންދިއުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ގޯޓާބޭ ވަނީ ނަސްލަކަށް ދީނަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ޚިދުމަތްދޭނެ ކަމަށް ވަޢުދުވެފައެވެ.