English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ޕާޓީގެ މުއައްސިސް ޔުމްނާ އާއި ހަވާލުކުރަނީ - ފޮޓޯ: ޓްވިޓާ (އީސީ)

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށާއި، އެ ޕާޓީގެ ރަޖިސްޓްރީ ސެޓުފިކެޓު ހަވާލުކުރުން މި ހިނގާ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ބާއްވަން އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. އަދި އެ ލިޔުން ޔުމްނާ އާއި ހަވާލުކޮށްދެއްވީ އީސީގެ ރައީސް އަހްމަދު ޝަރީފް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެން ބޭފުޅަކަށް ދިން ފުރަތަމަ ފަހަރެވެ.

އެމްއާރުއެމް އުފެއްދުމަށް އެންމެ ފުރަތަމަ ހުށަހެޅުއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. ނަމަވެސް ހެރިޓޭޖު މިނިސްޓަރ ޔުމްނާ ވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި 3313 މީހުންގެ މެމްބަރޝިޕް ފޯމާއެކު އެމްއާރުއެމް އުފެއްދުމަށް އެދި އީސީ އަށް ހުށަހަޅުއްވައިފައެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަން ޖެހޭ ޖަލްސާވެސް ވަނީ މިމަހުގެ ހަތްވަނަ ދުވަހު ދަރުބާރުގޭގައި ބާއްވައިފަ އެވެ. އެ ޖަލްސާގައި ވަނީ އެ ޕާޓީގެ އެކި މަޤާމްތަކަށް ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. އެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ޕާޓީގެ ރައީސްގެ މަޤާމަށް ރައީސް މައުމޫން ވަނީ އިންތިޚާބުވެވަޑައިގެންފަ އެވެ.

އެމްއާރްއެމް އަކީ ރައީސް މައުމޫން އުފެއްދެވި 3 ވަނަ ޕާޓީއެވެ. އެންމެ ފުރަތަަމަ ރައީސް މައުމޫން އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރްޕީ) އެވެ. އެއަށްފަހު އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް) އެވެ. މި ދެ ޕާޓީ ވެސް އަދިވެސް ސިޔާސީ މައިދާނުގައި އޮވެއެވެ. އެގޮތުން ޕީޕީއެމް އަކީ ސަރުކާރާއި އިދިކޮޅު އެންމެ ބޮޑު ޕާޓީ އެވެ.