English Edition
Dhivehi Edition

އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޮރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޮރ ޕަނިޝްމަންޓް ޕްރޮފެސަރ ނިލްސް މެލްޒަރ އާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު މަޝްވަރާކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ނަޝީދު ވަނީ ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ދިވެހިރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ފާހަގަކުރައްވައި، އެފަދަ ޢަމަލުތައް ހުއްޓުވުމަށް ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަރ، ޕްރޮފެސަރ ނިލްސް މެލްޒަރ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރެއްވިއެވެ. އަދި، ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އޮނަރަބްލް އީވާ ޢަބްދުﷲ އާއި އަމީން ޢާއްމު އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.