English Edition
Dhivehi Edition

އިންޑިއާގެ އާގަރާ އަށް އުފަން އުމުރުން 22 އަހަރުގެ ޕޫޖާސިންގއާއި މަރާ ކުރިމަތިލާން ޖެހުނީ ޖެހިގެން ހުރިގޭގެ ފިރިހެންކުއްޖަކާ އޭނާ ލޯބީގެ ގޮތުން ގުޅުނީމައެވެ. ޕޫޖާ އަކީ ހަތަރު ކުދިންގެ އާއިލާގެ ހަމައެކަނި ހުރި އަންހެން ދަރިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ދަންވަރު ޕޫޖަގެ ބައްޕަ ޕޫޖާ މަރާލިއިރު އޭނަގެ މަންމަ އާއި އަނެއް ތިން ފިރިހެން ކުދިން ތިބީ އެހެންގެއެއްގައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ހޮނިހިރު ދުވަހުގެ ރޭދަންވަރު ޕޫޖާ ގޭގެ ބޭރު ދޮރާށިކައިރީ އޭނަގެ ލޯބިވެރިޔާ އާއި ވާހަކަދައްކަން ހުރެފައި ގެއަށް ވަނުމުން ބައްޕަވަނީ ޕޫޖާގެ ގައިގައި ކަރަންޓު ޖައްސައި ވަރުބަލިކޮށްލުމަށްފަހު ވަޅިއަކުން ކަރުބުރިކޮށްލައި މަރާލާފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުންބުނީ، ޕޫޖާ މަރާލުމަށްފަހު އޭނަގެ ބައްޕަ ކުމާރުވަނީ އަމިއްލައަށް ފުލުހުންނަށް ގުޅައި މިހާދިސާކިޔާދީފައެވެ. ފުލުހުން ވަނީ ވަގުތުން އެގެއަށް ގޮސް ކުމާރު ހައްޔަރުކޮށްފައެވެ.

މިއަމަލު ހިންގުމަށްފަހު ކުމާރު ފުލުހުންކައިރީ ބުނެފައިވަނީ އޭނަގެ ދަރިފުޅު ރައްޓެހިވެގެން އުޅޭ ފިރިހެން މީހާއާއި އެކު ލޯބީގެ ގުޅުމެއް ދަރިފުޅުބާއްވާކަށް އޭނަ ގަބޫލު ނޫން ކަމަށެވެ. އަދި ދަރިފުޅު ކައިރީ މިވާހަކަ ބުނެފައިވާނެ ކަމަށާއި މިކަންތައް ހުއްޓުވޭނެ އެހެން ގޮތެއް ނެތުމުން ދަރިފުޅު މަރާލީކަމަށެވެ.

އިންޑިއާގައި މިދިޔަ 18 މަސްތެރޭގައި ލޯބީގެ މައްސަލަތަކުގައި މިހާތަނަށް 22 އަންހެން ކުދިން މަރާލާފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި ޕޫޖާއަކީ 23ވަނަ އަށް މިފަދަމައްސަލައެއްގައި މަރާލެވިފައި ވާ އަންހެން ކުއްޖާއެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ނުރައްކަތެރި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިންނަށް ނުރައްކާ ބޮޑުގައުމެއްގެ ގޮތުގައި ލޭބަލްވެފައިވާ ގައުމެކެވެ. ރޭޕް ކުރިމާއި މަރުގެ ޝިކާރައަކަށް ކޮންމެދުވަހަކު މަދުވެގެން 4 ނޫނީ 5 މީހުންވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ މިއަދަދަކީ ހަމައެކަނި ފުލުހުންނަށް ހުށަހެޅޭ އަދަދެއް ކަމަށާއި މީޑިއާގެ ސަމާލުކަމަށް ނައިސް ބައެއް ކޭސްތައް ހުރުން އެކަށީގެންވާކަމަށެވެ.