English Edition
Dhivehi Edition
ޖަލެއްގެ މަންޒަރެއް - ފޮޓޯ: ބޮސްޓަން މެގަޒިން

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާއި ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ ޢަދުލުގެ ބިލު ފާސްވެގެންދިއުމަކީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެއީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް އެޅުނު ހެޔޮ ބިންގަލެއް ކަމަށެވެ.

އެޗްއާރުސީއުމުން ބުނީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކަށް ހުށަހެޅިފައިވާއިރު، އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާތަކުގެ މައްސަލަތައް ކަމުގައެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ވާ އިހުމާލާއި، ކުޑަކުދިންނަށް ގަނާކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައްވެސް ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން، ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާކުރަން ޖެހިފައިވާކަން ފާހަގަކޮށް އެޗްއާރުސީއެމުން ބުނީ އަނިޔާ ލިބޭ ކުދިންނަށް ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

“މީގެ އިތުރުން، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަޙުޤީޤު މަރުޙަލާ ލަސްވެ، މައްސަލައިގެ ހެކި ގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅޭކަން ހިތާމައާއެކު ފާހަގަކުރަމެވެ. އެހެންކަމުން، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖަޢާކޮށް، މިފަދަ މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްތައް ޤާއިމްކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.”، އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޮމިޝަނުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކާއި މީޑިއާއިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އަދި ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލުކަމަށްވީ ހިނދު، އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށްވާއިރު، އެކުދިންނަށް ރައްކާތެރިކަން ދިނުމަށް މައިންބަފައިން އަދި މުޖުތަމަޢުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށްވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ.