English Edition
Dhivehi Edition

އަނިޔާވެރިކޮށް މަރާލާފައިވާ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ މަރާލި ގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އުފައްދާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ގިނަ ކަންކަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީއިން މި މައްސަލަ ބަލަން ފަށާފައި ވާއިރު ރިޔާސީ ކޮމިޝަންގެ ރިޕޯޓު ރައީސަށް އަރުވައި ކަމާބެހޭ އިދާރާތަކަށް ވެސް މިހާރު ވަނީ ފޮނުވާފަ އެވެ. އަދި އެ ރިޕޯޓް ރައީސް އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް އާންމު ކޮށްފައިވާއިރު އެ ރިޕޯޓުގެ ޚުލާސާއެއް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމު ކޮށްފައި އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަން ނިންމި 7 ކަންތަކަކީ: އަފްރާޝީމް މަރާލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ގޮތްތައް ދެނެގަތުން،
އަފްރާޝީމް މަރާލަން އުޅޭ ކަމުގެ މައުލޫމާތު ލިބި އެ ކަން ސިއްރުކޮށްފައިވާ މީހުން ދެނެގަތުން،
އަފްރާޝީމް މަރާލުމުގައި ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުން މިހާރު ކޮބައިތޯ ބެލުން،
ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ހަރުކަށި ފިކުރުގެ ޖަމާޢަތްތަކުގެ ޢަދަދާއި ހަރަކާތްތައް ދެނެގަތުން،
ހަރުކަށި ޖަމާޢަތްތައް ލިސްޓްކޮށް އެ ޖަމާޢަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން،
އަފްރާޝީމް މަރާލިއިރު ފުލުހުން އެ ކަމުގައި އިހުމާލުވެފައިވޭތޯ ބެލުން،
ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބާރުއަޅައި ފިޔަވަޅު އަޅާތޯ ބެލުން މި އެވެ.