އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ދެ ބޭފުޅުން މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.
އައްޑޫސިޓީގެ ހިތަދު އަށް ބޭފުޅެއް ކަމުގައިވާ އަޙްމަދު އަބްދުﷲ ދީދީ، އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. އެމަނިކުފާނު ވަނީ 2010 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން 27 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކޮށްފައިވާ އިރު އެ ދެބޭފުޅުން މީގެ ކުރިން ވަނީ 60 ދުވަހަށް ސަސްޕެންޑުކޮށްފައެވެ. ޖޭއެސްސީން ބުނެފައި ވަނީ، އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ލ. މާވަށަށް އުފަން ފަނޑިޔާރު އާދަމް މުހައްމަދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ އޮގަސްޓް 10، 2010 ގަ އެވެ
މިއީ އުއްތަމަ ފަނޑިޔާރެއްގެ މަގާމު ގެއްލުނު ތިން ވަނަ ފަހަރެވެ. އުއްތަމަ ފަނޑިޔާރަކަށް ކުރިން ހުންނެވި އަހުމަދު ފާއިޒް ހަސަންގެ މަގާމު ގެއްލުނީ މަޖިލިހުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިގެންނެވެ. އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މަގާމު ގެއްލުނީ ފަނޑިޔާރުންގެ ގާނޫނަށް ގެނައި ބަދަލުންނެވެ. އަބްދުﷲ ސައީދުގެ މައްޗަށް މީގެކުރިން ވަނީ ޖިނާއީ ކުށެއް ސާބިތުވެފަ އެވެ.