English Edition
Dhivehi Edition
ރެޖިސްޓްރާ އޮފް ކޮމްޕެނީސް، މަރްޔަމް ވިސާމް - ފޮޓޯ: އަވަސް

އަހަރީ ފީ ދައްކާފައިނުވާ 19 ކުންފުންޏެއް އުވާލުމަށް އިކޮނޮމިކް މިނިސްޓްރީ އިން ނިންމައިފި އެވެ.

އެ މިނިސްޓްރީ އިން ބުނެފައި ވަނީ އުވައިލުމަށް ކަނޑައަޅާފައި ވަނީ 2017 އިން 2018 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، އަހަރީ ފީ ދައްކާފައިނުވާ 19 ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިތަކުގެ ލިސްޓު ވަނީ މިހާރު އެ މިނިސްޓްރީގެ ވެބްސައިޓުގައިވެސް ޝާޢިއުކޮށްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އުވާލަން ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ ހުރިހާ އިލްތިޒާމްތައް، އަންނަ ޑިސެމްބަރު މަހުގެ 03ގެ ކުރިން ފުރިހަމަކުރުމަށްފަހު، އެކަން އަންގައިދޭ ލިޔެކިޔުންތަކާއިއެކު، ކުންފުނި ހިންގަން ބޭނުންވާކަން އަންގައިދިނުމަށް، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޤަރާރެއް ފާސްކޮށް އެ މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އޭގެތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗައް، އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަ، އަދި އެއިން އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް ނުވަތަ އެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ފަރާތަކުން ހުށަހަޅާ ދަޢުވާއެއް އޮތްނަމަ، ކަމާގުޅޭ ތަފްޞީލު 03 ޑިސެމްބަރުގެ ކުރިން އިކޮނޮމިކް މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، މިމުއްދަތުގެ ތެރޭގައި އެފަދަ ތަފްޞީލުތައް ހުށަހަޅާފައިނުވާނަމަ، ދަރަންޏެއް ނުވަތަ ދަޢުވާއެއް ނެތީކަމުގައި ބަލާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މީގެ ކުރިންވެސް އަހަރީ ފީ ނުދައްކާތާ ގިނަ ދުވަސްވެފައިވާ 3،900 އަށްވުރެ ގިނަ ކުންފުނި އުވާލަން އިކޮނޮމިކް މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން އެ މިނިސްޓްރީ އިން އުވައިލުމަށް ކަނޑައެޅީ 2007 އިން 2016 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން، އަހަރީ ފީ ދައްކާފައިނުވާ 3،911 ކުންފުންޏެކެވެ.