English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ކުރިއަށް އޮތް 2026 އަދި 2027 ވަނަ އަހަރަކީ ކުދި ވިޔަފާރިތަކަށް މުޅި ސަރުކާރުން ހާއްސަ ލުއިތަކެއް ލިބޭނެ ފަހި ދުވަސްތަކަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މި ބަދަލުތަކާ އެކު، ކުދި ވިޔަފާރިތަކަށާއި އަލަށް ވިޔަފާރީގެ ދާއިރާއަށް ވަންނަ ފަރާތްތަކަށް ބޮޑު ފަސޭހައެއް އަދި ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.

މި ނިންމުމަކީ މި މަހުގެ 17 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ. ރައީސް ވިދާޅުވެފައި ވަނީ މި ދާއިރާ ކުރިއެރުވުމަށް ކެބިނެޓުގައި މަޝްވަރާކޮށް ގިނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ކަންކަން އަންނަ ޖެނުއަރީ މަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

ވިޔަފާރިވެރިން ފާހަގަކުރި މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި ސަރުކާރުން ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި، އޭގެ ސަބަބުން ޓެކްސް ދެއްކުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ. މީގެ އިތުރުން މުދާ ބަހައްޓާނެ ތަންތަން ކުއްޔަށް ލިބޭނެ ގޮތް ހަމަޖެއްސުމާއި، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނޭއިރު، މި ކަންކަމަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.