އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019″ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ މުބާރަތް ބޭއްވުމުގެ މަޤްސަދަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަންނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.
އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކަމަށްވާއިރު، މުބާރާތުގައި ޓީމްތަކުން ބައިވެރިވާން އެދޭ ފޯމް މިއަދުން ފެށިގެން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއާއި ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުން ލިބޭނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް ކައުންސިލުން ބުނެއެވެ.