English Edition
Dhivehi Edition

އަވަށްޓެރި ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެޤައުމުގެ އިންތިޚާބީ ރައީސް، ގޮޓަބަޔާ ރާޖަޕަކްސަ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުޙަބާ ދަންނަވައިފި އެވެ.

ރައީސް ސޯލިހު، ގޮޓަބަޔާއަށް މަރުޙަބާ ދަންނަވާފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި އެމަނިކުފާނު ވަނީ ލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ގޮޓަބަޔާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ. އަދި ގޮޓަބަޔާގެ ވެރިކަމުގައި ރާއްޖެއާއި ސްރީ ލަންކާ އާމެދު މިހާރުވެސް ޤާއިމްވެފައިވާ ގާތް އަދި އެކުވެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ގޮޓަބަޔާ ރާޖްޕަކްސަ އަކީ ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަގެ ކޮއްކޯފުޅެވެ. އިންތިޚާބުގައި ގޮޓަބަޔާ އާއި އެންމެ ގާތުން ވާދަކުރައްވަވާފައިވަނީ ސްރީލަންކާގެ ކުރީގެ ރައީސް ޕްރެމަދޭސާގެ ދަރިކަލުން ސަޖިތް ޕްރެމަދޭސާއެވެ.

ގޮޓަބަޔާގެ ތަރުޖަމާނު “އޭއެފްޕީ” އަށް ބުނި ގޮތުގައި ގޮޓަބަޔާއަށް ވަނީ 53-54% ވޯޓު ލިބިފައެވެ.

މި އިންތިޚާބުގައި 35 ކެނޑިޑޭޓުން ވާދަކުރައްވާފައިވާއިރު އޭގެތެރޭގައި އަންހެން ކެންޑިޑޭޓަކުވެސް ހިމެނެއެވެ. މިއީ 2010 ވަނަ އަހަރަށްފަހު މިހާ ގިނަ ކެނޑިޑޭޓުން އެޤައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ހާމަކޮއްފައިވާ ގޮތުގައި މި އިންތިޚާބުގައި އެގައުމުގެ 80 އިންސައްތަ މީހުން ވަނީ ވޯޓު ދީފައެވެ