English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުގެ ޚުލާސާއެއް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން އެކުލަވާލެއްވި ޑޮކްޓަރު އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގެ ރިޕޯޓުގެ ޚުލާޞާއެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މިއަދު އޮންނަ މަޖިލީހުގެ 66ވަނަ ޖަލްސާގައި އިއްވަވާނެ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަޙުޤީޤު ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރައްވައިފަ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި އެ ރިޕޯޓު ހިއްސާ ކޮށްފައި ވަނީ ފުލުހުންނާއި ކައުންޓާ ޓެރަރިޒަމް ސެންޓަރާއި، ރައްޔިތުންގެ މަޖިލީހާއީ، އެޓާނީ ޖެނެރަލް އަދި ޕްރޮސެކިއުޓާ ޖެނެރަލްއާ ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭ ގެއިން ބޭރުގައި އުޅުއްވުމަށްފަހު އެރޭ ދަންވަރު އޭނާ ދިރިއުޅުއްވާ ގެ (ހ. ފުންވިލު) އަށް ވަޑައިގަތް ވަގުތު، އެގޭ ސިޑި ކައިރިން ބަޔަކު އޭނާއަށް ވަޅިން ހަމަލާދީގެންނެވެ.