English Edition
Dhivehi Edition

އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޝީޒާއަށް ގިނަ ބައެއްގެ ލޯ އަމާޒުވަނީ އުޅެމުން އަންނަ އަވަދިނެތި ދިރިއުޅުން ފެނިފައެވެ. ތިން ކުދިން ބަލާ ބޮޑު ކުރަމުން ސަރުކާރު ވަޒީފާއެއްގައި ދެމި ހުރި އިރުވެސް އޭނާ ނުފެންނަ ދާއިރާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރައްޓެއްސަކަށް އައިސިންކޭކެއް އަޅާލަން ވަގުތު ކޮޅެއް ހުސްކުރާއިރު ކޮންމެ ޑިޒައިނަކަށް ހެދުމެއް ފަހާލުމަކީ އޭނާއަށް މާބޮޑު ކަމެއް ނޫނެވެ. މިއީވެސް އަޅުގަނޑު މެންގެ ތެރޭގައި ބައެއް އަންހެން ބޭފުޅުން ޙަރަކާތްތެރިވެ އުޅެމުން އަންނަ ގޮތެކެވެ. މިފަދަ މީހުންނަށް ހިތްހަމަ ޖެހުމާއެކު ދިރިއުޅުން ކަޑައްތު ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވެއެވެ.

މިއަދު ހުރިހާވެސް އެއްޗަކީ ފައިސާ އެހެންނޫންތޯއެވެ. ފައިސާ މަދުވެ އަތްމަތި ދަތި ވެއްޖެނަމަ އެތައް އެތައް ކަމެއް ހުއްޓުން އަރައެވެ. ޢާއިލާގެ މެންބަރަކު ބަލި ވެއްޖެނަމަ ފައިސާ ހޯދަން މަޖްބޫރުވެއެވެ. ކުދިންގެ ތަޢުލީމަށް ބޭނުންވާ އެންމެހާ ކަންކަމުގައި ރުފިޔާ ފައިސާ އަބަދުމެ ހިނގަ ހިނގާ ހުރެއެވެ. މިދަންނަވާ ލެވުނީ ފައިސާއިން އަޅުގަނޑުމެން ކުރާ ބޭނުމުގެ ވަރަށް ކުޑަ މިންވަރެކެވެ. ދިރި އުޅުމުގެ ހުރިހާ ކަމެއްގައި ފައިސާއަކީ އެއްމެ މުހިއްމު އެއް ވަސީލަތް ކަމާމެދު ދެބަސްވާނެ މީހަކު ނެތް އިރު މިކަމާމެދު ފުންކޮށް ވިސްނާ މީހުން މާގިނައެކޭ ނުދެންނެވޭނެއެވެ. ފިރިމީހާ ނުވަތަ ތިމާ ދާއިމީ ވަޒީފާއެއްގައި މަހު މުސާރަ ލިބިގެން ހުންނަ ހުރުމަށް ބަރޯސާވެ ދެވަނަ މަގަކުން ދިއުމާމެދު ޚިޔާލު ކުރަންވެސް އަޅުގަނޑުމެން ފަސް ޖެހެމުއެވެ. ހުސްވަގުތު ކިތައްމެ ގިނައިން ލިބުނަސް ހޭދަކޮށްލާހިތްވަނީ ރައްޓެހިންނާ އަނގަތަޅާ،ޗެޓްކޮށްލުމުގައެވެ.ނޫނީ ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމް ތަކަށް “ދީވާނާވެ” އެއިން ބޭރު ނުވެވޭ ހާ ދަރަޖައަށް ދެވިހިފައި ވަޖިދުވެފައިތިބި ބައެއްގެ ގޮތުގައެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަޑު ސޯފާގައި އިށީނދެ ނުވަތަ އޮށޯވެ އޮވެ ހުޅަނގުގެ ނާތަހުޒީބީ އޮއިވަރުގައި ޖެހި ތާއަބަދު ކޮފީއާއި ފައިދާއެއް ނެތް ލުއި ކަނާއަށް ދެވިހިފާފައިވާ ކަމީ ހިތާމަހުރި ކަމެކެވެ. މިއާއެކު އަޅުގަނޑު މެންގެ ކަށީގައި މިވަނީ ކަންނެތްކަމާއި ބުރަހެލިކަން އިންތިހާއަށް އަށަގެންފައެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ މުރާލި ކާބަފައިންނަށް އަޅުގަނޑުމެންގެ މި އުޅުމާއި ގުޅުމުގެ ސަބަބުން ހުތުރު އަރާހާ ދަރަޖައަކަށް މިއަދު މިވަނީ ކަންކަން ގޯސްވެފައެވެ.

ފުދުންތެރި ދިރިއުޅުމަކަށް އެންމެންވެސް ލޯބި ކުރެއެވެ. އެހެންނަމަވެސް މިފަދަ ދިރިއުޅުމެއް ހޯދާނީ ކިހިނަކުން ބާވައެވެ.؟ ކޮންމެ ހުނަރަކީ ވެސް ހޯދީމާ ލިބޭ އެއްޗެކެވެ. މިއާއެކު ކާބަފައިންގެ ފުށުން ވާރުތަ ވެގެންނާއި އެނޫން ގޮތްގޮތުންވެސް ޚާއްސަ ޝައުޤުވެރިކަމެއް ދެވޭ ކަންތައްތަކެއް ކޮންމެ މީހެއްގެ ކިބައިގައިވެސް ހުރެދާނެއެވެ. ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަ ދެއްކުންފަދަ ހުނަރުތަކަށް އެއްބަޔަކު ޝައުޤުވެރިވާއިރު، މީރުކޮށް ހެދިކާ ހެދުމާއި އަތްތެރި މަސައްކަތްތަކާއި ފަހުގެ ޒަމާނީ ޓެކްނޮލޮޖީއާއި ކޮމްޕިއުޓަރ އިން ކުރިއަރާފައިވާ ފަރާތްތައް މިއަދު ގުނާ ޢަދަދު ނުކުރެވެއެވެ. ވިސްނާލަންވީ ކަމަކީ ތިމާއަށް ޝައުޤުވެރިކަން ދެވޭ ޚާއްސަ ހުނަރުތައް ފާހަގަކޮށް އެހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކުރުމެވެ. މިއީ ތިމާގެ ކުރިމަގަށްޓަކައި ހުޅުވާލެވޭ ވަރަށް މުހިއްމު ބާބަކަށް ވެގެންދާނެއެވެ. އަންހެނުންނަކީ ގޭގައި ގިނަ ވަގުތުތަކެއް ހޭދަ ކުރާ ބަޔަކަށް ވެފައި ހުހަށް ގޭގައި ހުންނަން ލިބޭ ކޮންމެ ދަނޑިވަޅެއް ބޭކާރު ވިޔެ ނުދީ ފައިދާހުރި ކަމެއްގައި ޝާމިލު ވެވިއްޖެނަމަ އެއޮތީ ކާމިޔާބުގެ އައްސޭރިއާއި ހަމަޔަށް ވާސިލު ވުމުގެ މަގު ފަހިވެފައެވެ.

އަޅުގަނޑުމެން ޢަމަލީ މައިދާނަށް ނިކުންނަނީ އޯލެވެލް، އޭ ލެވްލް އަށް ވުރެން މައްޗަށް ކިޔަވާ ނިންމުމަށް ފަހުގައެވެ. ތުއްތު އިރުއްސުރެން ފެށިގެން ބޮޑުވުމާއި ހަމަޔަށް ކިޔަވާ މޮޅުވަމުން އައުމުގެ ބޭނުމަކީ މަތީ ފާސްތަކެއް ފައިލް ކުރަން ލިބުން އެކަނި ކަމަށް ދެކިގެން މިއަދު ވާކަށްނެތެވެ. ކިޔެވި އެއްޗެއްގެ އެހީގައި އާމްދަނީއެއް އިތުރު ކުރެވޭނެ މަގެއް ޚިޔާރު ކުރަން އެބަޖެހެއެވެ. މިއީ މިއަދު އަޅުގަނޑުމެންގެ ރާއްޖެއާއި މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ އިޤްތިސާދީ ހީނަރު ކަމަށްޓަކައިވެސް ފުންކޮށް ވިސްނާލަންވީ ނުގުތާއެކެވެ. އުފާވެރި ބާއްޖަވެރި ކާމިޔާބު ދިރިއުޅުމަކަށްޓަކައިވެސް އަޅުގަނޑުމެންގެ ކިބައިގައި ފައިދާހުރި މަސައްކަތްތަކަށް ލޯބި ޖެހި ޢަމަލީ ގޮތުން ޙަރަކާތްތެރި ތައްޔިތެއްގެ ސިފައިން ސިފަ ޖެހިގެން ދިއުމަކީ އެންމެ ބޭނުންތެރި ގޮތް ކަމުގައި ދެކެމެވެ.