English Edition
Dhivehi Edition

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން އިއްޔެ ފާސްކޮށްފި އެވެ.

އެގޮތަށް ޖުޑީޝަރީ ކޮމިޓީ އިން ފާސްކޮށްފައި ވަނީ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމުގައިވާއިރު، އެ މައްސަލައިގައި އެ ކޮމިޓީ އިން ބަލާފައި ވަނީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ޖޭއެސްސީން ފުރިހަމަކޮށްފައިވޭތޯ އެވެ.

ދެ ފަނޑިޔާރުންވެސް ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީ އިން ފާސްކުރުމާއެކު، އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅޭނެ އެވެ. ޤާނޫނުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މަޤާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކާ ދެކޮޅަށް ވޯޓު ދިނުމުންނެވެ.

ބުދަ ދުވަހު ބޭއްވި ޖޭއެސްސީގެ 80 ވަނަ ބައްދަލުވުމުގައި އެ ކޮމިޝަނުން ވަނީ ދެ ފަނޑިޔާރުން ސަސްޕެންޑްކުރުމަށް ވެސް ނިންމައިފަ އެވެ.

އެގޮތުން ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަދަ ޢަމަލުތަކެއް އެ ދެ ބޭފުޅުންވެސް ކޮށްފިކަމަށް ތަޙުޤީޤު ކޮމިޓީއަށް ފެންނާތީ، އެ ދެ ބޭފުޅުންގެ މައްޗަށް ތަޙުޤީޤު ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ޤާނޫނު އަސާސީގެ 154 ވަނ ަމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ފަދަ ޢަމަލުތަކެއް ކަމަށް ވުމުން، ޖޭއެސްސީގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (4) ވަނަ ނަންބަރުގެ ދަށުން، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދު އާއި ބެހޭގޮތުން އެ ކޮމިޝަނުން ތަޙުޤީޤުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، އެ ބޭފުޅުން ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަން ޖެހޭކަމަށް ފެންނާތީ، 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވެއެވެ.