English Edition
Dhivehi Edition
ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހްމަދު ޝަހީދު - ފޮޓޯ: އިރާންއެޗްއާރުޑީސީ

ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ޢައްޔަންކުރަން މިވަގުތު ހުންނެވި އެންމެ ޤާބިލް ބޭފުޅަކީ، މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަންގެ ރައީސް، އަލްއުސްތާޛް ހުސްނުއްސުއޫދު ކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނެވި، ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް ނަޝީދު ޓެގްކުރައްވައި ޝަހީދު ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރަކަށް އެންމެ ރަނގަޅުވާނީ އެއްވެސް އަތަކަށް ބުރަނުވެ، ސީދާ ކަން އޮތް ގޮތަށް ސާބިތު ކަމާއެކު ޙައްޤު ބަސް ބުނަން ކެރޭ ޤާނޫނީ ޢިލްމުވެރިއެއް ކަމަށެވެ.

“ހުސްނުއްސުއޫދު އަކީ މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ޤާބިލް ބޭފުޅާ”، އެ ޓްވީޓްގައި ޝަހީދު ވިދާޅުވެފައި ވެއެވެ.

ހުސްނުއްސުއޫދަކީ 2009 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ރާއްޖޭގެ ބަންޑާރަ ނައިބުގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި 1997 އިން 1999 އާއި ދެމެދު ސިވިލް ކޯޓުގެ އިސްޤާޒީގެ މަޤާމުގައިވެސް ހުންނެވި ހުސްނުއްސުއޫދަކީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ސުއޫދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެމްބަރުކަން އަދާކުރައްވައި، ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީ އެކުލަވާލުމުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރަކަށް ޢައްންކުރަން އެންމެ ރަނގަޅީ ސުއޫދު ކަމުގައި ޑރ. ޝަހީދު ވިދާޅުވެފައިވާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، ފަނޑިޔާރު ކަމުން ވަކިކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކުރުމާއެކު، ސުޕްރީމް ކޯޓު ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރުމަށްވެސް ޖޭއެސްސީ އިން ވަނީ ނިންމައިފަ އެވެ.