ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ އޮކްޓޯބަރު މަހު ދައުލަތަށް 927.61 ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ. އެގޮތުން އޮކްޓޯބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 35.4 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށް މީރާ އިން ބުނެއެވެ.
މީރާ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 10.1% ކުޑަ އަދަދެއް ކަމުގައިވާއިރު، އެއީ މިދިޔަ މަހަށް ލަފާކުރި މިންވަރަށްވުރެ 6.8% އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު ޖީޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ބީޕީޓީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ސުންގަޑިއާއި ހަމައަށް ޓެކްސް ނުދެއްކުމުގެ ސަބަބުން ބޮޑުތަން ދަށްވެފަ އެވެ. މީގެ އިތުރުން މީރާ އިން ބުނީ މިދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ ދަށްވެފައި ވަނީ ލޭންޑް އެކުއިޒިޝަން ފީ އަދި ކޮންވަރޝަން ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަން ޖެހޭ ފައިސާއަށް ވާތީ ކަމަށެވެ.
އެހެންނަމަވެސް، އޮކްޓޯބަރު ލިބޭނެ ކަމަށް ލަފާކުރި މިންވަރަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައި ވަނީ ޓޫޜިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ، ސުންގަޑި ހަމަވުމަށްފަހު ދައްކާފައިވާތީ ކަމަށްވެސް މީރާ އިން ބުނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އެވެ. އެއީ 59.8% ނުވަތަ554،884،823 ރުފިޔާ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު އާމްދަނީޢެއް ލިބިފައި ވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 8.5% ނުވަތަ 79،071،996 ރުފިޔާ އެވެ.
މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 5.7 ޕަސެންޓް ނުވަތަ 53.028،969 ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 5.5% ނުވަތަ 51.115،723 ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 5.4% ނުވަތަ 50.365،171 ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 139.14 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.