ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ލޯބިކުރުމަކީ އެކަލޭގެފާނު ގެނެސްދެއްވި ދީނަށް އިޙުތިރާމްކުރުން ކަމުގައި ދީނީ ޢިލްމުވެރިޔާ ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Alhugandumen Rasoola ﷺ dheke loabi vaan vaany amalaa bahun! Ekaleyge faanah loabi kurumakee ekaleyge faanu genes dhehvi dheenah ihthiraam kurun! Hukum fulhuthah qabool kurun! Ekaleyge faanu engevi enme hai khabaruthah thedhukurun! Ghaibah emaan vun! Mikan kan veythoo balkavaa.❤
— Ali Zaid (@alizaid1000) November 9, 2019
އެ ޓްވީޓްގައި ޝެއިޚް ޒައިދު ވިދާޅުވެފައި ވަނީ ކީރިތި ރަސޫލާއަށް ލޯބިވާން ވާނީ ޢަމަލާއި ބަހުން ކަމަށާއި، އެކަލޭގެފާނަށް ލޯބިކުރުމަކީ އެކަލޭގެފާނު ގެނެސްދެއްވި ދީނަށް އިޙުތިރާމް ކުރުން ކަމުގަ އެވެ.
“ޙުކުމްފުޅުތައް ޤަބޫލްކުރުން! އެކަލޭގެފާނު އެންގެވި އެންމެހައި ޚަބަރުތައް ތެދުކުރުން! ޣައިބަށް އީމާންވުން! މިކަން ވޭތޯ ބައްލަވާ!”، އެ ޓްވީޓްގައި ޒައިދު ވިދާޅުވެފައި ވެއެވެ.
ޝެއިޚް ޒައިދު މިހެން ވިދާޅުވިއިރު، މިއަދަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ފާހަގަކުރާ ދުވަހެވެ.
ދާދިފަހުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތްކޮށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް ޝެއިޚް ޒައިދު ވަނީ ފާޑުވިދާޅުވެ އަޑުއުފުއްލަވައިފަ އެވެ. އެގޮތުން ޝެއިޚް ޒައިދު ވަނީ އެމްޑީއެން އުވާލުމަށް އެތައް ފަހަރެއްގެ މަތިން ގޮވާލައްވައިފަ އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނުގެ އަސާސުތަކާއި ޚިލާފު އެތައް ވާހަކަތަކެއް ހުރި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެ ޖަމިއްޔާއާއި ދެކޮޅަށް ތެދުވެފަ އެވެ. އެމައްސަލަ ހޫނުވެ ސަރުކާރަށް ޕްރެޝަރު ކުރަމުން ދަނިކޮށް، އެންމެ ފަހުން ޔޫތު މިނިސްޓްރީ އިން ވަނީ މިދިޔަ އަންގާރަ ދުވަހު އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ.